ads
ފޮޓޯ: ރައީސް އޮފީސް
ތިން ގައުމަކަށް ސަފީރުން އައްޔަނު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިން ގައުމެއްގައި ހުންނަ ސަފީރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވަފި އެވެ.

ސަފީރުން އައްޔަނު ކޮށްފައިވަނީ އިންޑިއާ، އެކުވެރި އަރަބި އިމާރާތް، އަދި ޕާކިސްތާނަށެވެ. ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި މިކަމަށްޓަކައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ. 

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ ހ.ނިޔާސާ، ޑރ. ހުސައިން ނިޔާޒެވެ. ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނަޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. 

އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ ހ.މިސްޓީލޮޖް، އާމިނަތު ޝަބީނާއެވެ. ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައިވެ އެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ގ.ޗޭނުގެ، ފަރުޒާނާ ޒާހިރެވެ. ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް