
އެ ސަރަހައްދަށް ބޮޑުމަސްތައް ލައްގާފައި ހުއްޓާ ފެނުނީ ހޯމަ ދުވަހު އެވެ. އެ މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނިކޮށް 380 އެއްހާ މަސް މި ވަނީ މަރުވެފަ އެވެ.
މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ 50 މަހެވެ. އިތުރު 30 މަސް ސަލާމަތް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.
ޓަސްމޭނިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ ދިރިހުރި އެއްވެސް މަހެއް އެތަނުގައިވާ ނަމަ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
މަސްތައް އައްސޭރިފަށަށް ލެއްގީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވަރަށް ގިނައިން ބޮޑު މަސް ބީޗަށް ލައްގަ އެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް މިހާ ގިނަ އަދަދެއްގެ ބޮޑު މަސް އެ ސަރަހައްދަށް ލައްގާފައެއް ނުވެ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެތަނަށް 200 އެއްހާ ބޮޑު މަސް ލެއްގި އެވެ.
މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ އޮޕަރޭޝަނަށް އެތައް ދުވަހެއް ހޭދަވުން އެކަށީގެންވެ އެވެ.
ޓަސްމޭނިއާ އަކީ އޮސްޓްރޭލިއާގެ ދެކުނުން ވަކިން އޮންނަ ރަށެކެވެ. އެ ރަށަކީ ވެސް އޮސްޓްރޭލިއާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.