ads
ފޮޓޯ:ބްރޮޑްކޮމް
ނޫސްވެރިން ތަމްރީނު ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ކުރިއެރުވުމަށް މަސައްކަތްކުރުމަށް އިސްލާމީ ޔުނިވާސިޓީ އާއި ކޮމިޝަނާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

ބްރޮޑްކޮމްއިން ބުނީ އެ އެމްއޯޔޫ އެއްގައި ސޮއި ކޮށްފައިވަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިހުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ.

ބްރޮޑްކޮމްއިން ބުނީ ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ކޮމިޝަނާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައިގަނޑު މަޤްސަދުތަކަކީ، ދިވެހި ނޫސްވެރީންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ޤާބިލު ބައެއް ކަމުގައި ހެދުންކަމަށެވެ. އަދި، މި ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ގާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުންވެސް ހިމެނޭކަމަށް ބްރޮޑްކޮމްއިން ބުނެއެވެ.

your imageއިސްލާމީ ޔުނިވާސިޓީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން——ފުޓޯ:ބްރޮޑްކޮމް

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވޭ އެމްއޯޔޫގެ ދަށުން، އިސްލާމީ އުސޫލުތަކަށާއި ދިވެހި ގައުމިއްޔަތަށާއި ދިވެހިބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި، ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، އިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް އަމާޒު ކަނޑައަޅާފައިވެއެވެ.

އެމްއޯޔޫ އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ އިތުރުން، އެ ޔުނިވާސިޓީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ބްރޮޑްކޮމްގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަހްމަދު ގައިސްއާއި ކޮމިޝަނާ އަމްޖަދު ވަހީދާއި ކޮމިޝަނާ އަލީ ޔޫސުފާއި ކޮމިޝަނާ އާމިނަތު އަމީނާ އަދި އެކްޓިން ސެކްރެޓަރީ ޖެނެރަލް އާއިޝަތު ޝާހީނެވެ.

އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް