ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 18,724 މީހަކު ވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދިފަ އެވެ.
އޭގެ ތެރެއިން 7,742 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި މި އެލަވަންސްގެ ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ.
އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ.
އެ އެލަވަންސަށް ޝަރުތު ހަމަވުމަށް ކުރިމަތިލާ ފަރާތްތަކުން މިދިޔަ އަހަރުގެ އެކެއް ޑިސެމްބަރާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ.