ads
ފޮޓޯ: އެވާރަމެންޓް މިނިސްޓްރީ
ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކަނޑު ހިމާޔަތްކުރަންޖެހޭ: މިނިސްޓަރު ހުސެއިން
ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އެންމެ މަދުވެގެން ކަނޑުގެ 30 އިންސައްތަ ހިމާޔަތް ކުރަންޖެހޭކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެނަވަޔަރަންމަންޓް އިން "ބަޔޯޑައިވާސިޓީ ބިޔޯންޑް 2020، ބިލްޑިން އަ ޝެއާޑް ފިއުޗާ ފޯ އޯލް ލައިފް އޮން އާތް" ތީމްގެ ދަށުން ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސެއިން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރަންޖެހޭކަމަށެވެ.

ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021 ވަނަ އަހަރުން 2030 ވަނަ އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރޭގައި ލަނޑުދަނޑިއެއް ފާސްކުރުމަށް މިނިސްޓަރު ވަނީ ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވި ގޮތުގައި ގުދުރަތީ ވެއްޓާމެދު އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ރާއްޖެ ފަދަ ގުދުރަތީގޮތުން ބޮޑު ކަނޑަކާއި ފަރެއް ލިބިފައި އޮންނަ ގައުމު ތަކަށް ކުރާ އަސަރު ވަރަށް ބޮޑެވެ. 

ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ގައުމުގެ އިގްތިސާދާއި މީހުންގެ ދިރިއުޅުން ބިނާވަނީ ކަނޑުން ލިބޭ ދިރުމަށާއި ލިބިފައިވާ ގުދުރަތީ ރީތި ފަރަށާއި ފަރުގައި އުޅޭ ރީތި މަސްމަހާމެއްސަށް ކަމަށާއި މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންއަންނަ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ވީހިނދު މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ދިރުންތަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމަށެވެ. 

އެ ގެއްލުން ކުޑަކުރުމަށް ހުރިހާ ގައުމަކުންވެސް އެއްބާރުލުން ބޭނުންވާކަމަށާއި އެކަމަށް އެކަށީގެންވާ ރަނގަޅު ޕޮލިސީތައް ހަދައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ލިބޭ ގެއްލުން ކުޑަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އެ ޕޮލިސީތައް ތަންފީޒުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާނެ." މިނިސްޓަރު ވިދާޅުވިއެވެ. 

އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ސަމިޓް އޮން ބަޔޯޑައިވާސިޓީ އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އަންނަ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 15) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ޗައިނާއިން ބޭއްވި ބައްދަލުވުމެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް