ads
ކުޅުދުއްފުށި---
ކޮޗިން ކުޅުދުއްފުށި ފެރީ: އުތުރުގެ ތަރައްގީ ވަރުގަދަ މިސްރާބަކަށް!
ޒަމާނުއްސުރެއް މާލެއަށް ޖަމާކޮށްފައި އޮތް ބާރުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބަހާލާ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަކީ މިސަރުކާރުގެ ބޮޑު އެއް ވައުދެވެ. ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީގެ ނާރެހުގައި ކުރިއަށް އެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމާޒެވެ. މިކަންކަން ހަގީގަތަކަށް ހެދުމަށް އަދި އުތުރުގެ ތަރައްގީ މެކުހަށް ޖެހުމަށް ކޮޗިން - ކުޅުދުއްފުށި ކާގޯ ފެރީ މުހިންމު ރޯލެއް އަދާކުރާނެ އެވެ.
Advertisement

އުތުރުގެ ރީޖަނަލް ހަބްގެ ގޮތުގައި ކުޅުދުއްފުށި ތަރައްގީ ކުރަމުން އަންނައިރު ކާގޯ ފެރީގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަން ޔަގީނެވެ. 

މިދިޔަ އަހަރު އެކަނިވެސް ރާއްޖެއިން ވަނީ ޖުމުލަ 4.47 ބިލިއަން ރުފިޔާގެ މުދާ އިންޑިއާއިން އެތެރެ ކޮށްފައެވެ. އޭގެތެރެއިން 18 އިންސައްތަ މުދަލަކީ ކެއުންބުއިމުގެ ބާވަތްތަކެވެ. އަށާވީސް އިންސައްތަ މުދަލަކީ ކޮންސްޓްރަކްޝަން ދާއިރާގެ އެކި މުދަލެވެ. މީގެ އިތުރުންވެސް އަންނައުނާއި ދަގަނޑުގެ ބާވަތްތަކުގެ އިތުރުން ރީތިވާ ސާމާނާއި މިފަދަ ކިތަންމެ އެއްޗެއް އިންޑިއާއިން ރާއްޖެއަށް އެތެރެކުރެ އެވެ. 

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރި ވެރިން އިންޑިއާއިން މުދާ އެތެރެ ކުރާއިރު، ކާގޯ ފެރީ ވެގެން ދާނީ މުދާ އެތެރެ ކުރުމަށް ހުޅުވާލެވޭ އިތުރު މުހިންމު އަދި ފަސޭހަ ދޮރަކަށެވެ. އަދި ކާގޯ ފެރީއިން މުދާ އެތެރެ ކުރެވުން ވެގެން ދާނީ އުތުރުގެ ވިޔަފާރި ވެރިން މުދާ މާލެއިން އެ ސަރަހައްދަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ފަސޭހަކަމެއް ގެނުވާނޭ ކަމަކަށެވެ. މާލޭ ބަނދަރުން ވިޔަފާރި މުދާ ރަށްރަށަށް ގެންދިއުމުގެ ބަދަލުގައި ސީދާ އުތުރުގެ ބަނދަރުން ސަރަހައްދުގެ ރަށްތަކަށް މުދާ ގެންދެވުން ވެގެންދާނީ ވާ ފަސޭހައަކަށް ނޫންތޯ އެވެ؟

ބޭރުން ގެންނަ މުދާ ސީދާ މާލޭ ބަނދަރަށް ބާލާ އެތަކެތި ރަށްތަކަށް ގެންދިއުން ވެފައިވަނީ ހަރަދު ބޮޑު ކަމަކަށެވެ. މިކަމުގެ ސަބަބުން މާލެ އާއި އެހެން ސަރަހައްދުތަކުގައި ކާބޯތަކެތި އަދި ޒަރޫރީ ކަންކަމަށް ބޭނުންކުރާ ތަކެތީ އަގު އުފުލަމަށް މެދުވެރިވެ އެވެ. އެހެން ނަމަވެސް ރަށު ފިހާރައާ ކަންމަތީ ހޮޓަލަށް ބޭނުންވާ ތަކެތި އުތުރުގެ ސަރަހައްދީ ބަނދަރަށް ބޭލުން ވެގެންދާނީ އުތުރުގެ ރައްޔިތުންނަށް މިކަމުން ލިބޭ ބޮޑު މަންފާއަކަށެވެ. އަތޮޅު މުދާ ބޭރުން ސީދާ އަތޮޅަށް ބޭލުމުން އެކަމުގެ މޮޅު އޮންނާނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ނޫންތޯ އެވެ؟

ކޮޗިން - ކުޅުދުއްފުށި ކާގޯ ފެރީގެ ސަބަބުން ވިޔާފާރީގެ ދާއިރާގައި އިތުރު ވާދަވެރިކަން އުފެދި ރައްޔިތުންނަށް މިކަމުގެ ފަސޭހަ ވެގެންދާނެ ކަމާއި މެދު ޝައްކެއް ނެތެވެ. އުތުރުގެ ރައްޔިތުންގެ ޖީބުން ކުރާ ހަރަދުތަކަށް އަދި ވިޔަފާރިވެރިންނަށް މި ފެރީގެ ސަބަބުން ލުޔެއް ލިބޭނޭ ކަން ކަށަވަރެވެ.

މި ފެރީ އަކީ ހަމައެކަނި ކާގޯ ފެރީ އެއް ނޫނެވެ. މިއީ އުތުރުގެ ތަރައްގީ އެވެ. އުތުރުގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށް ކުރިއަރުވަދޭނޭ އެންމެ މުހިންމު ބައިވެރިއާ އެވެ. 

އިންޑިއާ އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާ ކުރާ ގައުމެކެވެ. ތަފާސް ހިސާބުތަކަށް ބެލުމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އަހަރަކަށް ވުރެއް އަހަރެއް އަންނަނީ އިތުރުވަމުންކަން އިނގެއެވެ. ދެހާސް ސާދަ ވަނަ އަހަރު 45،000 އަށް ވުރެއް ގިނަ ފަތުރުވެރިން އިންޑިއާއިން ރާއްޖެއަށް އައިސްފައިވާއިރު 2018 ވަނަ އަހަރު އެ އަދަދު ހުރީ 90،000 އިން މަތީގަ އެވެ. 

މި ފެރީގެ ހިދުމަތާއި އެކު ރާއްޖޭގެ އުތުރުގެ ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް އިންޑިއާގެ ފަތުރުވެރިންގެ ލޯތައް އަމާޒުވާނެއެވެ. އަދި މިކަން ވެގެންދާނީ އުތުރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ އިތުރު ބާރަކަށެވެ. 

ކޮޗިން ކުޅުދުއްފުށި ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް ލިބޭނޭ ގެއްލުންބޮޑު ވާނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް އެކުލެވިގެންނުވާ ވާހަކަތަކެއްކަން މިކަންކަމަށް ބެލުމުން އެނގެއެވެ. މި ކާގޯ ފެރީ ވެގެންދާނީ އިންޑިއާ އަދި ރާއްޖޭގެ ދުވަސްވީ ގުޅުމަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ ކަމަކަށެވެ. އުތުރުގެ ރައްޔިތުން ބާރުވެރިކުރުވާ ސަރަހައްދުގެ ތަރައްގީ ވަރުގަދަ މިސްރާބަކަށް ގެންދިއުމަށް މި ކާގޯ ފެރީ މުހިންމު ދައުރެއް އަދާކުރާނެ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް