ads
ވެބިނާ ގެ ތެރެއިން---
މީޑިއާތަކުގެ ސަބަބުން ބައެއް ފަހަރު ނުރައްކާތެރި ފިކުރުތަކަށް ޖާގަލިބޭ: އަލީ ނަޒީރު
މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ހަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބޭ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިޔުމާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކޮށް، ބާރުވެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ހޯމް މިނިސްޓްރީން އެއްދުވަހުގެ ވެބިނާއެއް މިއަދު ވަނީ ފަށާފައެވެ.

އެ ވެބިނާ ސީރީޒްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު ރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރެ ބޮޑު ގައުމީ ބޮޑު މައްސަލައެއްކަމަށާއި މަސްތުވާތަކެތީގެ ވަބާފަދަ، ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމަކާއި ނުރައްކަލެއް ކަމަށެވެ.

ވޭތުވެދިޔަ މާޒީގައިކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުންކަމަށް ފާހަގަކުރެއްވި އެވެ. އެ ސަބަބާހުރެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެކަމާ ގުޅޭ ސިޔާސަތުތައް ހިމަނާފައިވާނެކަމަށާއި އެ ވެބިނާ އަކީ އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މީޑިއާ ބާރުވެރިކުރުމަށް ރާވާ ހިންގާ އެފަދަ ފުރަތަމަ ހަރަކާތްކަމަށެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ އަދި އެންމެ ބޮޑު ރޯލެއް އަދާކުރެވޭނެ ބަޔަކީވެސް ދިވެހި މީޑިއާކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ އެހެންނަމަވެސް މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ހަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އަންނަ ކަމަށެވެ.

"ރާއްޖޭގެ އެއްވެސް މީޑިއާއަކުން ގަސްދުގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަށް ހިތްވަރު ނުދޭނެކަން އެއީ އަޅުގަނޑުމެން އެއްވެސް ޝައްކެއްނެތި ގަބޫލުކުރާކަމެއް. އެހެން ނަމަވެސް، މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ހަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަޅުގަނޑުމެން އެކަކުވެސް ނޭދޭ ހާލަތްތައް މެދުވެރިވާތަން އާދޭ. ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އާދޭ. އަދި ބައެއްފަހަރު ހިނގަމުންދާ ތަހުގީގުތަކަށް ދަތިތައް ކުރިމަތިވާތަންވެސް އާދޭ " ނަޒީރު ވިދާޅުވިއެވެ.

ނަޒީރް ވިދާޅުވީ އެކަމުގައި ސަރުކާރުގެ ވިސްނުމަކީ މީޑިއާތަކަށް ދަތިކޮށް، ފުރުސަތު ހަނިކުރުން ނޫންކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަކީ މީޑިއާތަކުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުންކަމަށާއި ފަންނީގޮތުން ކުރިއަރާދިއުމަށް މަގުފަހިކުރުމާއި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމުގެ ނުރައްކަލާ ދެކޮޅަށް ދިވެހި މީޑިއާތައް ބާރުވެރިކުރުވުންކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ބޭނުންވާ ވަކިހަމައެއް ނުވަތަ އުސޫލެއް މީޑިއާގެމައްޗަށް ހިންގުމުގެ ބަދަލުގައި މިދާއިރާގެ ތަޖުރިބާކާރު ފަންނީ މާހިރުންގެ އެހީގައި ނޫސްވެރިން ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމައުގެ ހަތަރުވަނަ ބާރުކަމަށާއި މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަން ކަމަށެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާހިލާ ސިޔާސީ ކަމަކަށްވިޔަށް، އިގްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާއީ ކަމަކަށްވިޔަސް ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަން ނަޒީރު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރުން އެ ވެބިނާގައި އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރެރިޒަމާ ގުޅުންހުރި ކަންކަން ރިޕޯޓް ކުރުން އެއީ ހަމައެކަނި ކުރަންޖެހޭ ކަމެއްކަމުގައި ހެދުމުގެ ބަދަލުގައި އެފަދަ ޕްރޮޕެގެންޑާ، ނެޓްވާކިން ރެކްރޫޓްމަންޓް އަދި ފަންޑިންގެ ޕްރޮގްރާމްތައް ކުރިއަރުވަން ބޭނުންކުރާ ނެރެޓިވްސް ތަކަށް ކައުންޓާ މެސެޖިން ގެ ގޮތުންގައި އެކި ޕްރޮގްރާމްތައް ތައްޔާރުކޮށް ނެރުމަކީ ވެސް ހަރުކަށި ފިކުރާއި ޓެރެރިޒަމަށް މަގުފަހިފާ ކަންކަން ހުއްޓުވުމަށް އެޅިގެން ދާނެ ބާރެއްކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ވެބިނާގެ އަމާޒަކީ، ނޫސްވެރިކަމުގެ ސުލޫކާއި އުސޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ހަބަރާއި މައުލޫމާތު ފެތުރުމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ އާއި މައުލޫމާތު ލިބިގަތުމުގެ ހައްގާއި މައުލޫމާތު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ އާއި ވަކިވަކި މަސްލަހަތުތަކާއި ގައުމީ މަސްލަހަތާ ދެމެދު ގެންގުޅެން ޖެހޭ ހަމަ ގެ އިތުރުން ގްލޮރިފިކޭޝަނާއި ވިކްޓިމައިޒޭޝަނާ ދެމެދު ގެންގުޅެން ޖެހޭ ހަމަތަކަށް ސަމާލުކަން ދީގެން ހަބަރާއި މައުލޫމާތު ފެތުރުމުގެ ސަގާފަތެއް ގާއިމުކުރުން ކަމަށެވެ. މިނިސްޓްރީން ބުނީ އެކަންކަން ހާސިލުކުރެވުމުން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމުގެ ބިރުން މުޖުތަމައު ރައްކާތެރިކުރާނެ ބާރެއްގެ ގޮތުގައި މީޑިއާ ބޭނުންކުރުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ.

މީޑިއާއަކީ ހައްސާސް މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބާރެވެ. މީޑިއާގެ އިގުތިސާދަކީ މީހުންގެ ޝައުގުވެރިކަން ދަމައިގަތުމަށް އޮތް ވާދަވެރި ރޭހަކަށް ވެފައިވާ މި ދަނޑިވަޅުގައި، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭ ހައްސާސް މައްސަލަތައް ރިޕޯޓުކުރުމުގައި މީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭގޮތްވެސް މެދުވެރިވެއެވެ. އަދި ރިޕޯޓް ކުރެވޭ ގޮތުން ހަރުކަށި ފިކުރުތަކާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މެސެޖަށް އިތުރު ބާރު ލިބޭ ގޮތްވެސް މެދުވެރިވެ އެވެ. ހޯމް މިނިސްޓްރީން ބުނީ އެފަދަ ހަބަރާއި މައުމޫލާތު ރިޕޯޓުކުރުމުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކަށް އާއްމުންގެ މެދުގައި މަޝްހޫރުކަމާއި ބާރުވެރިކަން ނުލިބޭފަދަ ގޮތަކަށް ރިޕޯޓުކުރުމަށް އިސްކަންދިނުން ވަރަށް މުހިންމު ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް