ކިމް އަކީ ދޭތެރެ ދޭތެރެއިން އެ އާއިލާގެ ތްރޯބެކް ފޮޓޯ ޕޯސްޓު ކުރާ ސެލެބްރިޓީ އެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރި ފޮޓޯގައި ކިމް ހުރީ ބްލޮންޑް އިސްތަށިގަނޑާ އެކު އެވެ.
ކިމްގެ ހަގަށް ތިބޭ ކައިލީ ޖެނާ އާއި ކެންޑަލް ޖެނާ އެ ފޮޓޯއިން ފެނުނީ ކިރިޔާ ފުރާވަރު އުމުރަށް އަރާފައި ތިއްބަ އެވެ. އެމީހުންގެ ދޮށީ ދައްތަ ކްލޮއީ ކާޑޭޝަން ވެސް ފޮޓޯގައި ހުއްޓެވެ. އެ ފޮޓޯގައި ނެތީ އެންމެ ދޮއްޓަށް ހުންނަ ކޯޓްނީ ކާޑޭޝަން އެވެ.
އެ ފޮޓޯއަށް ސޯޝަލް މީޑިއާގައި ފޭނުންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ކައިލީ ޖެނާ މާ ހިތްހަމައެއް ނުޖެހުނެވެ. ކައިލީ ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ އެ ފޮޓޯ ވަގުތުން ޑިލީޓް ކުރުމަށެވެ.
ބައެއް ފޭނުން ވަނީ ކިމް ޝެއާ ކުރާނެ ފޮޓޯ ހިޔާރު ކުރީ އޭނާ އެންމެ ރީތިކޮށް ހުންނަ ފޮޓޯއެއް ބަލައިގެން ކަމަށް ބުނެ ފާޑުކިޔާފަ އެވެ. އަދި ކައިލީއަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ވަނީ އެ ފޮޓޯގައި ވެސް އޭނާ ވަރަށް ރީތި ކަމަށް ބުނެ ހިތްވަރު ދީފަ އެވެ.