ads
ނޫސްވެރިންތަކެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލް ކަނޑައަޅައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވާ ނޫސްވެރިކަމުގެ އިނާމަށް ލިބިފައިވާ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައި އެ ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްފި އެވެ.

މިއަހަރު ބާއްވާ ނޫސްވެރިކަމުގެ އިނާމު 2019 އަށް ލިބިފައިވާ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައި އެ ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްފައިވާއިރު ފަނޑިޔާރުންގެ ޕެނަލްގައި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

ޖަޖުން ގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަލްފާލިލް އަބްދުﷲ ނައީމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. އޭނާ ވަނީ އާފަތިސް ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ ނޫސް ހިންގުމުގައި އޭނާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. އަބްދުﷲ ނައީމް އަކީ ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ބޭފުޅެކެވެ.

ސަރުކާރުގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ އަދި ހާރިޖީ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައިވާ އަލްފާލިލް އަބްދުﷲ ނާޝިދުވެސް އެ ޕެނަލްގައި ހިމެނިވަޑައިގަންނަވައެވެ. ނާޝިދު އަކީ ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމްގެ އިސްވެރިއެއްގެ ގޮތުގައި އަށް އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ނަޝީދަކީ ވެސް ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ބޭފުޅެކެވެ.

އެ ޕެނަލްގައި ދެން ހިމެނިވަޑައިގަންނަވަނީ އަލްފާލިލް އަލީ ނިޝާންއެވެ. ޢަލީ ނިޝާނަކީ ފޮޓޯގްރަފީގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އޭނާގެ ކެރިއަރު ފެށިފައި ވަނީ، ހަވީރު ނޫހުގައި ފޮޓޯ ޖާނަލިސްޓެއްގެ ވަޒީފާއިންނެވެ. ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯދާފައިވެއެވެ. މިހާރުވެސް އޭނާ އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ފްރީލޭންސްކޮށް މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި ފޮޓޯގްރަފީގެ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ވެސް އޭނާ ކުރައްވައެވެ.

އެ ޕެނަލްގައި ދެން ހިމެނިވަޑައިގަންވާ ބޭފުޅަކީ އަލްފާލިލް މުހައްމަދު އަފްރާހުއެވެ. މުހައްމަދު އަފްރާހު ވަނީ ޓީވީ މޯލްޑިވްސްގައި ސީނިއާ އެޑިޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ބްރޯޑްކާސްޓިން ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައެވެ.

އޭގެ އިތުރުން  އަލްފާލިލާ އަޝްވާ ފަހީމް ވެސް މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވައެވެ. އަޝްވާ ފަހީމް އަކީ މެލޭޝިއާގެ ސެގީ ޔުނިވާސިޓީއިން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އިނގިރޭސިވިލާތުގެ ދި މޮންޓްފޯޑް ޔުނިވާސިޓީއިން އޭނާ ވަނީ ފޮޓޯގްރަފީގެ ދާއިރާއިން މާސްތާޒް ހާސިލް ކުރައްވައިފައެވެ. އެއަށްފަހު، އޭނާ ވަނީ ވީޑިއޯ ޖާނަލިސްޓް އަދި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ރާއްޖެޓީވީގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ރޮއިޓާޒް ފަދަ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކަށް ފްރީންލާންސްކޮށް ފޮޓޯ ނަގައިދިނުމާއި ފްރީލޭންސްކޮށް ވީޑިއޯ ޖާނަލިޒަމްގެ މަސައްކަތްތައް އޭނާ އަންނަނީ ކުރައްވަމުންނެވެ.

މީޑިއާ ކައުންސިލުން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އުންމީދީ ނޫސްވެރިޔާގެ ބަޔަށް ލިބިފައިވާ ހުށަހެޅުންތަކަށް ވެސް އިންސާފު ކުރައްވާނީ އެ ފަނޑިޔާރުންގެ ޕެނަލުން ކަމަށް ކަމަަށެވެ. މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން ލިބިފައިވާ ކަމަަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް