ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރަމުން އަންނަ ވެކްސިން ތައްޔާރުކުރުމަށްޓަކައި ބައި މިލިއަނެއްހާ މިޔަރު މަރާލަފާނެކަމަށް އެފަދަ އެއްޗެހީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ.
Advertisement
ސްކައި ނިއުސްގައި ރިޕޯޓްކުރާ ގޮތުގައި މިޔަރުގެ މޭގައި ހުންނަ ތެޔޮތަކެއް ވެކްސިން އުފެއްދުމުގައި ދަނީ ބޭނުންކުރަމުންނެވެ.
އެގޮތުން ސްކުއަލޭން ނަމަކަަށް ކިޔާ އިންގްރީޑިއެންޓެއް ވެކްސިން އުފެއްދުމުގައި ބޭނުންކުރަމުން އަންނަނީ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުންނެވެ.
ބްރިޓިޝްގެ ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ، ގްލަކޯސްމިޓް ކްލައިން އިން އަންނަނީ އެމީހުންގެ ފްލޫ ވެކްސިންގައި ވެސް މިޔަރުގެ ތެޔޮ ބޭނުންކުރަމުންނެވެ. އެގޮތުން މެއި މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ބިލިއަނެއްހާ ޑޯޒް އުފެއްދުމުގެ މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ގާތްގަނޑަކަށް 3000 މިޔަރުން އެއް ޓަނުގެ ސްކުއަލޭން އުފެއްދެ އެވެ.
ޝާކް އެލީސް ނަމަކަށް ކިޔާ ކެލިފޯނިއާގެ ގްރޫޕަކުން ވަނީ ދުނިޔޭގެ މުޅި އާބާދީއަށް ކޮވިޑް-19 ގެ އެއް ޑޯޒް ދިނުމަށް ވެސް 250،000 މިޔަރު ހިފަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން ދެ ޑޯޒް ދިނުމަށް ވެސް ބައި މިލިއަނެއްހާ މިޔަރު މަރާލަފާނެ ކަމަށް ދިރާސާވެރިން ބުނާ ކަމަށް ން ބުނެފަ އެވެ.
އެގޮތުން މިޔަރުގެ އާބާދީއަށް އޮތް ބިރުވެރިކަން ނައްތާލުމަށް ސައިންސުވެރިން އަންނަނީ އޭގެ ބަދަލުގައި ވެކްސިންގައި ހިމެނިދާނެ އެއްޗެއް ހޯދުމުގެ ގޮތުން ތަފާތު އެއްޗެހި ޓެސްޓްކުރަމުން ކަމަށް ރިޕޯޓްކުރެ އެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ކޮންމެ އަހަރަކު ތިން މިލިއަން މިޔަރު އެކި ބޭނުންތަކަށް މަރާލަ އެވެ. އޭގެ ތެރޭގައި ރީތިވާ ސާމާނު އުފެއްދުން ފަދަ ކަންކަމަށް މަރާލާ މިޔަރުތައް ވެސް ހިމެނެ އެވެ. އެގޮތުން މިވަގުތު އެކި ގައުމުތަކުން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިޔަރުގެ ތެލަށް އޮތް ޑިމާންޑް ބޮޑުވެ މިޔަރު ނެތިދާނެކަމުގެ ބިރުހީވެދާނެ ކަމަށް ބުނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީން ފެނިގެންދިޔަ ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރު 33 މިލިއަން މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި މިލިއަނަކާއި ގާތް ކުރާ އަދަދަކަށް ބަލީގައި މީހުން މަރުވެފައިވާއިރު އެ ބައްޔާއި ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެކި ގައުމުތަކުން ދަނީ ކުރަމުންނެވެ. އަދި ވެކްސިން ކާމިޔާބުވުމުގެ ކޮޅުމަތި ފެންނަކަމަށް ބައެއް ގައުމުތަކުން ދަނީ އިއުލާންކުރަމުންނެވެ.