
އެ ރިޕޯޓުގައި ވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒާއި އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާއި އެމީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާއި ގުޅޭގޮތުންނެވެ. އެ ރިޕޯޓުގައި އެކުންފުނިތަކަށް ސަރުކާރުން ހިންގާ ކަންކަމުން ފައިސާ ވަދެފައިވާ ގޮތްތައް ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ރިޕޯޓު އާންމުވެފައިވަނީ، އެކަން ތަހުގީގުކުރަން އެފްއައިޔޫއިން ފުލުހުންނަށް ރިޕޯޓު ފޮނުވާފައިވާ އޮއްވައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. އެކަމު އިތުރު ތަފްސީލެއް ނުދެއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން
- މި ސަރުކާރު ވެރިކަމާއި ހަވާލުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތުގެ ކަންކަން ހަވާލުކުީ ސިފައިންގެ ކުންފުނި ސިވެކަށް. އެ ކުންފުންޏަށް ފިނޭންސް މިނިސްޓްރީން 23 މިލިއަން ރުފިޔާ ދިން.
- އެ ފައިސާއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް
- ހަމަ އެ އިވެންޓަށް ލިބުނު ފައިސާއިން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާދިން
- ސިވެކުން ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
- އޮފިޝަލް އިވެންޓްސްއަށް ލިބުނު އެ ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުން ރެއިންބޯގެ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް،
- ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
- މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ޖަމާކޮށްފައިވޭ
އާއްމުވެފައިވާ މި ރިޕޯޓާއި ގުޅިގެން އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ބުނަން ނޭނގޭކަމަށެވެ. ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން ލިބިފައި ނުވާތީކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ ސައްހަ ރިޕޯތެއްނަމަ އެކަން ކޮށްފައި އެވަނީ އޭނާ ހިއްސާވާ ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ މަގުސަދުގައި ގަސްދުގައި އޮޅާލައިގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.