ads
ނައިވާދޫ ސިއްހީ މަރުކަޒުގެ ބޭރު ދޮރު--
ހިތްހަމަނުޖެހިގެން ނައިވާދޫ ސިއްހީ މަރުކަޒު ބަންދުކޮށްފި
ހދ. ނައިވާދޫ ސިއްހީ މަރުކަޒުގެ މައި ދޮރުގައި ފިލާގަނޑެއް ޖަހާއި ބަންދު ކޮށްފި އެވެ.
Advertisement

ނައިވާދޫ ކައުންސިލުގެ ރައީސް އަހުމަދު ފާއިޒު މިއަދު ސީއެންއެމް އަށް ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި ބަޔަކު ވަނީ "ނައިވާދޫއަށް ދޭން ބުނި އެމްބިއުލާންސް ކޮބާ" ޖެހުމަށް ފަހު، އެރަށު ސިއްހީ މަރުކަޒުގެ މައި ދޮރުގައި ފިލާގަނޑެއް މޮހޮރު ޖަހައި ހަރުކޮށްފަ އެވެ. 

އެކަމަކު އެ ފިލާގަނޑު މިހާރު ނައްތާލާ ސިއްހީ މަރުކަޒުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ރޭގެ ވަގުތެއްގައި އެކަމެއް ހިނގާފައިވާއިރު އެކަން ކުރި ބަޔަކު ނޭނގޭ ކަމަށް ފާއިޒު ވިދާޅުވި އެވެ. 

ފާއިޒު ވިދާޅުވީ ނައިވާދޫގައި އެމްބިއުލާންސެއް ނެތުމުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގެ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އެމްބިއުލާންސެއް ހޯދައިދިނުމަށް އެދި ކައުންސިލުގެ އިތުރުން ސިއްހީ މަރުކަޒުން ވެސް ކަމާއި ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށާއި އެކަމަކު މިއަދާ ހަމައަށް ވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ފާއިޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ފާއިޒު ވިދާޅުވީ އެރަށުގައި ބޭނުންކުރަމުން އައި އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށާއި ބަލި މީހުން އުފުލަން ޖެހެނީ ފަތްޖެހި އެނދުގައި ނުވަތަ ރަށު ޕިކަޕުގައި ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވެފައިވާކަން ފާހަގަކުރައްވާ ފާއިޒު ވިދާޅުވީ ރަށުގައި އެމްބިއުލާންސެއް ނެތަސް ޑްރައިވަރަކު ހުންނަތާ މިހާރު އަހަރެއްވެފައިވާ ކަމަށެވެ. 

އަދި ކައިރި ރަށްތަކަށް އެމްބިއުލާންސް ލިބިފައިވާއިރު އެރަށަށް އެމްބިއުލާންސެއް ލިބޭނެ ދުވަހެއް ވެސް ނޭނގޭތީ އާންމުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް