ads
ފޮޓޯ: ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް
ޕީޖީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާއާ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަ (ސީޖޭއޭ) އާއިޝަތް ރިޒްނާ އާ ބައްދަލުކުރައްވަފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނި މި ބައްދަލުވުމުގައި ޕީޖީން މައިގަނޑު ދެ ކަމެއް ހުށަހަޅާފައިވާ ކަމަށާއި، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެ ދެކަމާއި ގުޅޭގޮތުން ކަމަށެވެ. 

އެގޮތުން ޕީޖީން ހުށަހެޅި ފުރަތަމަ ކަމަކީ މިއަހަރުގެ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށެވެ. 

ޕީޖީން ބުނެފައިވަނީ މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ. 

ޕީޖީން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަށް ހުށަހެޅި ދެވަނަކަމަކީ، 2021 ވަނަ އަހަރުން ފެށިގެން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށެވެ. 

ޕީޖީން ބުނެފައިވަނީ މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް