ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ކެތްތެރިކަމާއި އެކު ރައްޔިތުންގެ ހައްގުގައި ހުންނެވިކަން ސާބިތު ކޮށްދެއްވައިފި!
ކޮވިޑް-19 އާއެކު ދިވެހިން ދިރިއުޅެމުންދާތާ ހަތް މަސް ފާއިތުވެގެންދިޔައިރު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 10،157 މީހަކު އަރާފަ އެވެ. އެހެން ގައުމުތަކާއި ހިލާފަށް ޗައިނާގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރި އެހެން ގައުމުތަކަށް ވެސް ނުރައްކާތެރިކަން ބޮޑުވި ދަނޑިވަޅުގައި ރާއްޖެއިން ވަނީ ބައްޔަށް ތައްޔާރުވުމުގެ މަސައްކަތާއި އެއްވަރަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް، މިތަނުން މީހަކަށް ކޮވިޑް ޖެހުމުގެ ކުރިން ފަށާފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ހާއްސަ ޓާސްކް ފޯހެއް އުފައްދަވާ އެ މަސައްކަތް ފަށާއިގަތްއިރު ޕްރެސްތަކުގައި ރާއްޖޭގެ ތައްޔާރީ ހާލަތު އާންމުންނަށް ދިޔައީ ކިޔައިދެމުންނެވެ. މާލެއިންނާއި އަތޮޅު ތެރެއިން މީހަކަށް ބަލި ޖެހިދާނެ ހާލަތަކަށް ތައްޔާރުވުމާއި އެއްވަރަށް ކަރަންޓީން ފެސިލިޓީތަކާއި ކޮވިޑް ފެސިލިޓީތަކުގެ މަސައްކަތް ވެސް ދިޔައީ ކުރަމުންނެވެ.

އެ ތައްޔާރީތަައް ވަމުންދަނިކޮށް ރާއްޖެއާ ހިސާބަށް ކޮވިޑް ފޯރީ، މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއަކު ޕޮޒިޓިވްވެ، އެމީހާ މާލެއަށް ވެސް އައި ހަބަރުވެގެން ދިޔައީ އާންމުންގެ ކަންބޮޑުވުންތައް އިތުރުވި ކަމަށެވެ. އޭގެ މަސް ދުވަސް ފަހުން، އޭޕްރީލް 15ގައި މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ސަރުކާރުން ވަނީ ކުޑަަވަަގުތުކޮޅެއްގެ ތެރޭގައި މާލެއިން އަރާއި ފޭބުން މަނާކޮށް މި ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. ވަގުތުން ނިންމެވީ ކޮންމެހެން ނިންމަންޖެހުނު އުނދަގޫ އެހެނަސް ހުރުދަނާ ނިންމެވުމެކެވެ.

ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ ދެބައި މާލޭގައި ދިރިއުޅެމުން އަންނަ ތޮއްޖެހިފައިވާ ހާލަތުގެ ސަބަބުން އެތައް ބަޔަކަށް ކޮވިޑް ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރި ނަމަވެސް އެ އަދަދުތަކަަށް މައްޗަށް އަރައިގެން ނުދިޔައީ ސަރުކާރުން ގެންގުޅުނު ވަރުގަދަ ސިޔާސަތުތަކުގެ ސަބަބުންނެވެ. ސިއްހީ މާހިރުންގެ އިރުޝާދަށް ރައީސް ދެއްވި ސަމާލުކަމުގެ ސަބަބުންނެވެ. އަދި އެ އިރުޝާދާއި އެއްގޮތަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީތީ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވި، ރާއްޖޭގެ އިގްތިސޯދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ދާއިރާ ހުއްޓާލީ ރައްޔިތުންގެ ސިއްހަތު އިސްކޮށެވެ. ވެރިރަށް މާލޭގައި އެތައް ބިދޭސީންނެއް ވެސް ތޮއްޖެހިގެން ދިރިއުޅެން އައި އައުމަކީ ބަލި އިތުރަށް މި ސަރަހައްދުގައި ފެތުރި އާންމުންނަށް ބިރުވެރިކަން ބޮޑުވެދާނެ ކަމަކަށްވާތީ ފެނިގެންދިޔައީ އެ މީހުންނަށް މާލެއިން ބޭރުގައި އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފެށި މަންޒަރެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުން އެހެން ސަރަހައްދަކަށް ބަދަލުކުރި އިރު ސަރުކާރުން މިދަނޑިވަޅުގައި ކުރަމުން އައި އަނެއް މުހިއްމު މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުތަކަށް ހައްލުނުކުރެވިފައި އޮތް ބިދޭސީންގެ މައްސަލައަށް ހާއްސަ އިސްކަމެއް ދެވިގެން ހައްލުކުރަމުން އައުމެވެ. 

ބަލީގެ ބިރުވެރިިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ 8000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން މިހާތަނަށް ވަނީ ގައުމަށް ފޮނުވާލާފަ އެވެ. ސަރުކާރުގެ މިވަގުތުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20،000 އެއްހާ މީހުން އަނބުރާ ފޮނުވާލުމެވެ. ހަމަގައިމުވެސް މިކަމުގެ މަންފާ، ކޮވިޑްގެ ހާލަތުން އަރައިގަނެވުމާއެކު ދިވެހިންނަށް ފެނިގެންދާނެ އެވެ. 

ކޮންމެއަކަސް، ލޮކްޑައުންގައި އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި އާންމުންގެ އެހީތެރިކަމާއެކު ވަރަަށް ބޮޑަށް ކޮވިޑް ކޮންޓްރޯލް ކުރެވި ތިން ވަނަ ފިޔަވަހީގެ ލުއިތަކާއި ހިސާބަށް އާދެވުނެވެ. އެކަމަކު މަދު ބައެއްގެ އަމަލުތައް ބައްޓަން ކުރި ގޮތުން ކުރި މަސައްކަތް އަލުން ކުރަން ޖެހިދާނެކަމުގެ ބިރު ހީވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ސަރުކާރުން އުއްމީދު ކަނޑައެއް ނުލަ އެވެ. އެޅި ފިޔަވަޅުތަކާއެކު ރައްޔިތުންނަށް އުނދަގޫކުރުން ކަމަށް ބަޔަކު ސިފަކޮށް، ރައީސް ސޯލިހަށް ފާޑުކިޔުން އަމާޒުކުރިޔަސް އެމަނިކުފާނު އެންމެ ފުރަތަމަ ދުވަހު ވެސް ވިދާޅުވެފައި ވަނީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް ވެސް ވެގެންދާނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހައްގުގައި އަޅަމުންދިޔަ ފިޔަވަޅުތަކެއް ކަމަށެވެ. ތެދުފުޅެކެވެ. ނިންމެވި ހަމަ ކޮންމެ ނިންމެވުމެއް އެއީ ރައްޔިތުންގެ ހައްގުގައި ނިންމެވި ކަންކަމެވެ.

ފަހުން ކޭސްތައް ގިނަވި ދަނޑިވަޅުގައި އެޅި ފިޔަވަޅުތަކާއެކު ވެސް ސަރުކާރަށް ފާޑުކިޔުން ކުރިމަތިވިޔަސް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ވަރަށް ސާފެވެ. ރާއްޖޭގެ މިސްރާބު މިހާރު ހުރީ ގްރީން ޒޯނަކާ ދިމާލަށެވެ. ކޮވިޑާއެކު ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުގެ ނަތީޖާ އިން ރައްކާތެރިކަމުގެ އައްސޭރިއަށް މިއަދު ރާއްޖެ ފޯރަމުން އަންނައިރު ދެން އޮތީ ރައްޔިތުން މަސައްކަތްކުރަންވީ ވަގުތެވެ. އެޅި ފިޔަވަޅުތަކަށް ބޯލަނބާ އަދިވެސް ކުރިއަށްދާންވީ ޑޮކްޓަރުން ދައްކަމުން އަންނަ މަގުންނެވެ. އެތައް ބައެއްގެ ގުރުބާނީއަކާއެކު ކޮވިޑްގެ އަދަދުތައް ދަށްކުރެވިފައިވާތާ މިހާރު މަސް ދުވަސް ވާންގާތްވެފައިވާއިރު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވެނީ ރާއްޖެއަށް ވުރެ ކުރިން ކޮވިޑްގެ ފެނުނު ގައުމުތަކުން ބަލި އަރައިނުގަނެވި އުޅެނިކޮށް ކޮވިޑް ކޮންޓްރޯލްކުރުމުގައި ރާއްޖެއަށް ކާމިޔަބުވާ ކަމުގެ ކޮޅުމަތި ފެންނާތީ އެވެ. 

77%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް