އުމުރުން އެންމެ 20 އަހަރުގެ ސުހާނާ ކުރި ޕޯސްޓުގައި ވަނީ އެއްވެސް ސަބަބަަކާ ނުލާއި ކުއްޖަކު ހުންނަ ގޮތެއްގެ ސަބަބުން، މީހުންގެ ފާޑުކިޔުން އަމާޒުވެގެންދާ ކަމަށެވެ. އެއީ އޭނާގެ އިތުރުން ވެސް އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ދިމާވާ ކަމެއް ކަމަށާއި އެފަދަ ކަންކަމުން ރަނގަޅު ކުރަން ޖެހޭ ކަމަށް ބުންޏެވެ.
ސުހާނާ ބުނީ އުމުރުން އެންމެ 12 އަހަރުން ފެށިގެން އޭނާގެ ހަމުގެ ކުލައިގެ ސަބަބުން ހަޑިކަމަށް ބޮޑެތި އަންހެނުންނާއި ފިރިހެން ވެސް ބުނެފައިވާ ކަމަށެވެ. އަދި އެކި މީހުން ތިބެނީ އެކި ކުލައިގައި ކަމަށާއި އެކަމުގައި މައްސަލައެއް އޮވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ސުހާނާ އިތުރަށް ބުނީ އެގޮތަށް މީހުން ދެކޭތީ ދެރަވާ ކަމަށާއި އަދި އުނދަގޫތައް ވެސްވާ ކަމަށެވެ. އަދި އޭނާ ވަނީ ފަސް ފުޓޫ ހަތް އިންޗި ނެތް އަދި ދޮން ނޫންނަމަ އެމީހުންނަކީ ހަޑި މީހުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި އާއިލާގެ މީހަކު ބުނެފައިވާނަމަ އެ މަލާމާތް ރައްދުވި ކުދިންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.
ސުހާނާ ބުނީ އޭނާގެ ވެސް ހުންނަނީ އެންމެ ފަސް ފޫޓު ތިން އިންޗި ކަމަށާއި އަދި އޭނާއަކީ ވެސް ކަޅު މީހެއް ކަމަށެވެ. އަދި އެކަމާއި އޭނާ ވެސް އުފާވާ ކަމަށާއި އެހެން މީހުން ވެސް އުފާވާން ވާނެ ކަމަށް ސުހާނާ ބުނެ އެވެ. އެ ވާހަކަތައް އޭނާ ހިއްސާކުރީ މީހުން އޭނާ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ޕޯސްޓްތަކަށް ކޮށްފައިވާ ކޮމެންޓްތަކެއްގެ ސްކްރީންޝޮޓް ވެސް ހިއްސާކުރުމަށް ފަހެވެ.
އެގޮތުން ކަޅު އަދި ހަޑިކަމަށް ބުނެ ހުތުބަހުން ބައެއް މީހުން ކޮށްފައިވާ އެ ކޮމެންޓްތަކާއި ގުޅިގެން އޭނާ ވަނީ "އެންޑްކަލަރިޒަމް" ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ.
ޝާހުއެކޭ އެއްގޮތަށް އޭނާގެ ދަރިފުޅަަށް ވެސް މަގްބޫލުކަން ބޮޑެވެ. މިލިއަނެއްހާ މީހުން އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ފޮލޯކުރާއިރު ސުހާނާ ވެސް އަންނަނީ ފިލްމީ ދައިރާއަށް ނިކުތުމަށް ކިޔަވަމުންނެވެ. ޝާހު ބުނާ ގޮތުގައި ފިލްމީ ދާއިރާއަށް ނުކުތުމަށް އެހީވާނީ ކިޔެވުން ފުރިހަމަ ކުރުމުންނެވެ. އެހެންވެ އެމެރިކާގައި އޭނާ ކިޔަވަމުން އައިނަމަވެސް މިވަގުތު ލޮކްޑައުންއާ ގުޅިގެން އޭނާ ހުރީ މުމްބާއީގައި އާއިލާއާއެކު އެވެ.