ads
ފޮޓޯ: ރާއްޖެއެމްވީ
މިއަދަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަސް
މިއަދަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަހެވެ.
Advertisement
މިއަދަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަހެވެ. ދިވެހި ދައުލަތުން ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ އެއްވަނަ ދުވަހު އެވެ.

ދިވެހި ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގަ އެވެ. ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1374 ވަނަ އަހަރު އެވެ.

އެ އަހަރުން ފެށިގެން 1387ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަކުރުމަށްފަހު ދުވަސްތަކަކަށް ވަނީ މި ދުވަސް ފާހަގަކުރުން މެދުކަނޑާލާފަ އެވެ. އެއަށްފަހު އަނެއްކާވެސް ހިޖުރީގޮތުން 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ގެންދަނީ ފާހަގަކުރަމުންނެވެ.

ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށް ކަމަށް ރަސްމީ ގޮތުން ވަނީ ކަނޑައަޅާފަ އެވެ. އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތިޔަ މަހާރަދުންނެެވެ.

މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށްވީ އައްސުލްޠާން މުހައްމަދު ބުނި އަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަން ދީފަ އެވެ.

މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް މާލޭގައި މިހާރުވެސް އެބަހުއްޓެވެ.

އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއް ސުލްތާން މުހައްމަދު ބުނި އަބްދުﷲ އެވެ. ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތެވެ.

މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ޙައްގު މަގާމު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ހިމާޔަތްކުރެއްވުމަށް ކޮށްފައިވާ މަސައްކަތެވެ.

ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ހިފެހެއްޓިފައި އޮތީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުން ކަމަށް ގިނަ ދިވެހިން ގަބޫލުކުރެ އެެވެ. ދިވެހި ރައްޔިތުންނަށް މިނިވަންކަމާއި އަމާންކަމާ އެކު ދެމިތިބެވުމުގެ ސަބަބަކީވެސް އިސްލާމް ދީނެވެ.

މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ރިވެތި ސިފަތަކާއި އާދަކާދައާއި އިޖުތިމާއީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީން ކަމަށް ދިވެހިން ގަބޫލުކުރެ އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް