ads
އަހުމަދު އަދީބު--
އަދީބު ގެއަށް ބަދަލުކޮށްފި
ޖަލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލްގަފޫރު ގެއަށް ބަދަލުކޮށްފި އެވެ.
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބަލި ހާލަތުގެ ހުރި ގޮތުން، ކޯޓުގެ ހުއްދައާއެކު އަދީބު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުކުރެ އެވެ. 

މިދިޔަ ބުދަ ދުވަހު، ކްރިމިނަލް ކޯޓުގައިކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި އަދީބް ވަނީ އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް ވެސް އިއުތިރާފުވެފަ އެވެ. އޭނާ ވަނީ ޖަލުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި އެކަންކަމާއި ވިސްނާ، ހިތާމަކުރި ކަމަށާއި އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. 

އަދީބުގެ މައްޗަށް އުފުލި ހަތްދައުވާ އަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

މާލޭ ޖަލުގައި އަދީބް ބަންދުގައި ބަހައްޓާފައިވާއިރު އޭނާ ބަންދުގައި ބެހެއްޓީ ދައުލަތުން އެގޮތަށް އެދިގެންނެވެ. އަދި އެކަމާއި ގުޅޭގޮތުން އަދީބުގެ ވަކީލް ވިދާޅުވީ ބަންދުގައި ބެހެއްޓުމާއި މެދު އިއުތިރާޒެއް ނުކުރާ ކަމަށެވެ.

އެކަމަކު ބަލި ހާލަތު ހުރިގޮތުން އޭނާ ގެއަށް ބަދަލުކޮށްފައިވާއިރު އަޑުއެހުމުގައި އަދީބް ވިދާޅުވީ އެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، އޭނާ އިސްތިސްނާ ނުވާނޭ ގޮތުގެ މަތިން މިކަމުގައި މަންފާވި ހުރިހާ އެންމެނަށްވެސް އަދަބު ލިބެންޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރުމަށް އެސްއޯއެފް ބޭނުންކުރީ ރައީސް ޔާމީންގެ އެންގުވުމަށްކަން އަދީބު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ނިންމެވީ އެމްއެމްޕީއާރްސީއާ ގުޅިގެން ރަށްތައް ދިނުމަށްކަން ފާހަގަކޮށް އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ޕްލޭންއަކަށްވީ "ސްކޭމް"ގެ ތެރެއިން ފައިސާ ހޯދުން ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތަކުން 200 މިލިއަން ޑޮލަރު ސިޔާސީ ކަންކަމަށް ލިބޭނެ ކަމަށާއި، ފައިސާ ލިބުމުން މި ފައިސާތައް (ހިޔާނާތުގެ ފައިސާ) އަންބުރާ ދޭނެކަމަށް ވިދާޅުވި ކަމަށެވެ.  

އަދީބު ވިދާޅުވި މި ފައިސާއިން މަންފާނުވާ ސިޔާސީ އެއްވެސް ޕާޓީއެއް ނުހުންނާނެކަމަށެވެ. އަދި މަޖިލީހުގައި ނެގި ވޯޓްތަކާއި ކުރީގެ މެމްބަރުންނާއި އޭރު މިނިވަން މުއައްސަސާތަކަށް ވެސް މިކަމުގެ މަންފާކޮށްފައިވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް