ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ނިއުކްލިއަ ހަތިޔާރު މަނާކުރުމާ ބެހޭ މުއާހަދާ ތަންފީޒު ކުރަން މިނިސްޓަރު ޝާހިދު ގޮވާލައްވައިފި
ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު އެހެން ވިދާޅުވީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުންނެވެ. 

އެ ބައްދަލުވުމަށް ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއަރ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ. އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވި އެވެ. 

މިހާރު ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ގޮވާލެއްވި އެވެ. 

އޭގެ އިތުރުން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމު ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. 

ރާއްޖެއަކީ މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހަތިޔާރު އުފައްދާނެ ގައުމަށް ނޫން ކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ރާއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި އަދާކުރަން ޖެހޭ ބައިނަލްއަގްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާ ކަމަށާއި ރާއްޖެއިން އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީ ގައި ބައިވެރިވެފައިވާ ކަމަށެވެ. 

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް