ކުރީގެ ސަރުކާރުގައި ސޮއި ކުރި އެ އެއްބަސްވުމުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް ބުނެ، އެއްބަސްވުން އުވާލުމާއި ގުޅޭގޮތުން މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުމުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް އޮތީ ލަފާ ދީފަ އެވެ. އެކަމާއި ގުޅޭގޮތުން އޭޖީ އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ލަފާގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ސީއެންއެމް އަށް ވަނީ އޭގެ ސައްހަކަން ކަށަވަރު ކުރެވިފަ އެވެ.
އޭޖީގެ އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ލަފާގައި ފަސް ކަމެއް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެ ލަފާގައި ފާހަގަ ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެ ޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް ކަން އެނގެން އޮތް ކަމަށެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރު ހުށަހަޅަންޖެހޭ ކުރެހުންތައް، އެކަމާއި ގުޅޭގޮތުން ލަފަޔަކަށް އެދި އިސްލާމިކް މިނިސްޓްރީން އޭޖީގައި އެދުނު އިރު ވެސް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވާ ކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެއްބަސްވާ ކަމެއް ފުރިހަމަ ނުވާނަމަ ނުވަތަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ދެ ފަރާތުން މަޝްވަރާ ކޮށްގެން، 30 ދުވަހުގެ ތެރޭގައި މައްސަލަ ހައްލު ކުރުން ނުވަތަ އެއަށް ފަހު ކޯޓަށް ހުށަހެޅިދާނެކަމަށް، އެ އެއްބަސްވުމުގައި ބަޔާންކުރާކަން އޭޖީ އޮފީހުން ފާހަގަ ކުރި އެވެ.
އެ ކަންކަން ފާހަގަ ކުރުމަށް ފަހު ދެއްވި ލަފާގައި އޮތީ، އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން 30 ދުވަހަށް މަސައްކަތް ކުރުން ރަނގަޅު ކަމަށެވެ. އެކަމަކު، އެ ލަފަޔާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ކުއްލިޔަކަށް އެ އެއްބަސްވުން އުވާލީ، ކޮންޓްރެކްޓަރާ އެއްވެސް މަޝްވަރާއެއް ނުކޮށެވެ.
އޭޖީ އާއި މީޑިއާ އަށް އިސްލާމިކް މިނިސްޓްރީން ދޮގު މައުލޫމާތު ދިން!
އެސްޖޭ އާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު، މާލޭގެ މަޖީދީ މަގާއި އިން ވެގެން އޮންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018ގަ އެވެ. އަދި އާ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018ގަ އެވެ.
އޭޖީގެ ލަފަޔަކަށް އެދުނު އިރު ވެސް އެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ކުރެހުންތައް އެސްޖޭން ހުށަހަޅާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާ ކަން، އޭޖީގެ ލަފާގައި ފާހަގަ ކޮށްފައި އެބައޮޔެވެ. އެކަމަކު، މިކަމާއި ގުޅޭ ލިޔުންތަކަށް އެއީ ދޮގެއް ކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ބިމުގެ ރެޖިސްޓްރީ ނުވަތަ އެ ބިމުގެ ޕްލޮޓް ސައިޒް އެނގޭނެ ލިޔުމެއް ފޯރުކޮށްދިނުމަކީ އިސްލާމިކް މިނިސްޓްރީގެ މައްސޫލިއްޔަތެއް ނަމަވެސް، އެ ބިމުގެ ރެޖިސްޓްރީ ހައްދާފައި ނެތުމުން މިނިސްޓްރީން އެކަން ކޮށްފައި ނުވުމުން، ކުރެހުންތައް ހެދުމަށް ދަތިތައް ދިމާވި ކަން އެސްޖޭން އެތައް ފަހަރަކު ފާހަގަ ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ފަހުން އެ ބިމުގެ މިން ފިޒިކަލީ ނަގައިގެން، ކުރެހުން ތައްޔާރުކޮށް ހުށަހަޅާފައި އޮތްކަން ލިޔެކިޔުންތަކުން ސާފުކޮށް އެނގެ އެވެ.
އެގޮތުން އެ ތަނުގެ ކޮންސެޕްޓް ޑްރޮވިން އެ މިނިސްޓްރީން އެޕްރޫވް ކުރުމަށް މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުލިބިގެން، ނޮވެމްބަރު 12، 2018 ގައި އެސްޖޭން އިސްލާމިކް މިނިސްޓްރީ އަށް އިތުރު ސިޓީއެއް ފޮނުވާފައި އެބައޮތެވެ. އެހެންކަމަށް ވާނަމަ، ޑިސެންބަރު 23، 2018 ގައި އޭޖީގެ ލަފާޔަކަށް އެދުނު އިރު ވެސް ކުރެހުން ހުށަހަޅާފައި ނުވާ ކަމަށް ބުނުމަކީ އޮޅުވާލުމެކެވެ.
މާލޭގެ ޕްލޭނިން ގަވާއިދުގައި އޮންނަ ގޮތުން މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ ކޮންސެޕްޓް ޑްރޮވިން އެޕްރޫވް ކޮށްގެންނެވެ. އެކަން ކުރަނީ އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ މިނިސްޓްރީ އަކަށް ކޮންސެޕްޓް ޑްރޮވިން ހުށަހަޅައި އެ މިނިސްޓްރީ އަކުން އެ އެޕްރޫވްކޮށް ތައްގަނޑު ޖެހުމުން، ފައިނަލް އެޕްރޫވަލް އަށް ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައިގެންނެވެ.
އޭގެ އިތުރުން އޭޖީގެ ލަފަޔާ ހިލާފަށް މަޝްވަރާ ކުރުމަކާއި ނުލާ އެއްބަސްވުން އުވާލުމަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އޭޕްރީލް 17، 2019 ގައި މީޑިއާގައި، ޒިކުރާ މިސްކިތް ހަދަން ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެއްބަސްވުން ބާތިލް ކުރަން އޭޖީ ލަފާދީފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް މަތީގައި ފާހަގަ ކޮށްފައިވާ ލަފާގެ އިތުރުން، އިތުރު ލަފައެއް މިކަމާއި ގުޅޭގޮތުން އޭޖީގެ އޮފީހުން ދީފައެއް ނުވެ އެވެ. އަދި އެ ލަފާގައި، އެ އެއްބަސްވުން ހަދާފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަން، އިސްލާމިކް މިނިސްޓްރީން ހިއްސާކުރި ލިޔެކިޔުންތަކުން އެނގޭ ކަމަށް ވަރަށް ސާފުކޮށް ބުނެފައި އެބައޮތެވެ.