އެ ބޯޑުގެ ޗެއާޕާސް ޑރ. ސުދީރު ގުޕްތާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުނީ ސުޝާންތު މަރުވީ އަމިއްލައަށް ދަން ޖެހިގެންކަން އެ މަރު ތަހުގީގު ކުރި ސިއްހީ ޓީމަށް ޔަގީންވާ ކަމަށެވެ.
ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ ޖޫން 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތެރެއިންނެވެ.
ޑރ. ގުޕްތާ ބުނީ ދަން ޖެހުމުން ކަރުގައި ހުރި ނިޝާންތައް ފިޔަވައި އިތުރު އެއްވެސް ޒަހަމެއް ސުޝާންތުގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.
މުމްބާއީ ފުލުހުން މީގެ ކުރިން ވެސް ވަނީ ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް ނިންމާފަ އެވެ. އެ މަރު ތަހުގީގު ކުރާ ސީބީއައި ޓީމުން ވެސް ބަލަނީ އެގޮތަށެވެ.
ނަމަވެސް ރާޖްޕުތު އާއިލާގެ ވަކީލު ވިކާސް ސިންގް ބުނަމުން ދިޔައީ ސުޝާންތުގެ ކަރުގައި ހިފައިގެން ބަޔަކު އޭނާ މަރާލީ ކަމަށެވެ.
އެއިމްސް ހޮސްޕިޓަލުގެ ފޮރެންސިކް ޓީމުން ވަނީ ސުޝާންތުގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު އެއްވެސް ޒަހަރެއް ނެތް ކަމަށް ވެސް ބުނެފަ އެވެ.
ސުޝާންތުގެ މަރުގެ މައްސަލައިން ފެންމަތިވި މަސްތުވާތަކެތީ މައްސަލައެއް މިހާރު ތަހުގީގު ކުރަމުން ދާއިރު، އެކަމާ ގުޅިގެން އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ރިއާ ޗަކްރަބަތީ ހުރީ ހައްޔަރުކޮށްފަ އެވެ.