ads
ފޮޓޯ: ސަން
ގޭދޮށު މަސް ފެކްޓަރީތައް ހިންގޭނީ ލައިސަންސް ނަގައިގެން: ފިޝަރީސް މިނިސްޓްރީ
ރަށު ކައުންސިލް އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލް އިދާރާތަކުން ހުއްދަ ލިބިގެން ގާއިމްކުރާ ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކޮށް ނިމި، މަހުގެ އުފެއްދުންތައް އުފައްދަން ފެށުމުގެ ކުރިން އެކަމަށް ދޫކުރާ ލައިސެސް ނަގަންވާނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ އާއްމުކުރި "މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމްކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު" ބުނާގޮތުން ރަށު ކައުންސިލް އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލް އިދާރާތަކުން ހުއްދަ ލިބިގެން ގާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކޮށް ނިމި، މަހުގެ އުފެއްދުންތައް އުފައްދަން ފެށުމުގެ ކުރިން، މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗާ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކުރާ މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސް ނަގަންވާނެއެވެ.

އެ ގަވާއިދުގައިވަނީ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރާ ގޭދޮށު މަސް ފެކްޓަރީތަކުގެ ތެރެއިން ދުވާލަކު 10 ޓަނަށްވުރެ ގިނަނޫން އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަނަށް ހުއްދަދޭނީ، އެ މަޝްރޫއެއް ގާއިމްކުރާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސައިފައިވާ އިންތިޒާމެއްގެ ދަށުންކަމަށެވެ.

އަދި އެ ގިންތިއަށް ފެތޭ، މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ މަސް ފެކްޓަރީތައް ގާއިމްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން މަޝްރޫއު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، އެ މަޝްރޫއަކަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިން އެ ތަނެއްގައި އުފައްދާނެ މަހުގެ އުފެއްދުންތަކުގެ ތަފުސީލާއި އެ ތަނެއްގައި އެންމެ ގިނަވެގެން ދުވާލަކު ޕްރޮސެސްކުރެވޭނެ ރޯމަހުގެ ޖުމުލަ މިންވަރު ހިމެނެ އެވެ. އަދި ޕްރޮސެސްކުރުމަށް ގަސްތުކުރާ ރޯމަހުގެ ބާވަތްތައް އަދި މަސް ގަނޑުކޮށް ފިނިކުރުމަށް ގާއިމްކުރުމަށް ގަސްތުކުރާ ވަސީލަތްތަކާއި، ގަނޑުކުރި މަހުގެ ގޮތުގައްޔާއި ފިނިކުރި މަހުގެ ގޮތުގައި ރައްކާކުރުމަށް ތައްޔާރުކުރާ ސްޓޯރޭޖްތަކުގެ ކެޕޭސިޓީގެ މައުލޫމާތު ހިމެނެއެވެ.

މަޝްރޫއު ގާއިމްކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ "މަސްވެރިކަމުގެ މަޝްރޫއު ގާއިމްކުރުމަށް ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށާއި މަޝްރޫއުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި މިނިސްޓްރީން ކަނޑައަޅައިފައިވާ ވަކިވަކި ގިންތިތަކުގެ މަޝްރޫއުތަކަށް، މިނިސްޓްރީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯޒަލް ހުށަހަޅަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މަޝްރޫއު ގާއިމްކުރުމަށް މިނިސްޓްރީން ދޭ ހުއްދައިގެ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށިއްޖެ ނަމަ މިނިސްޓްރީއަށް ހުށަހަޅައިގެން އެ މުއްދަތު އިތުރުކުރަންވާނެކަމަށްވެސް އެ ގަވާއިދުގައިވެއެވެ.

މި ގަވާއިދުގެ ހަވަނަ ވަނަ މާއްދާގެ ދަށުން ގާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް ދޫކުރާ ހުއްދަތަކުގެ މައުލޫމާތު، އެ މިނިސްޓްރީއާ ހިއްސާކުރަންވާނެކަމަށާއި އެފަދަ މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރާ ގުޅޭ މައުލޫމާތަށް މިނިސްޓްރީން އެދިއްޖެ ހިނދެއްގައި، ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު މިނިސްޓްރީއަށް ހިއްސާކުރެވޭނެ އިންތިޒާމް، އެ މަޝްރޫއަކަށް ހުއްދަ ދޫކޮށްފައިވާ ރަށު ކައުންސިލަކުން ހަމަޖައްސަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

އަދި މަސްވެރިކަމުގެ މަޝްރޫއު ގާއިމްކުރުމަށް މިނިސްޓްރީން ހުއްދަ ދޭ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއު ގާއިމްކުރުމަށް ހޭދަވާ މުއްދަތު ހަތަރު މަސްދުވަހަށްވުރެ އިތުރުވާނަމަ އެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބަޔާންކޮށް ތައްޔާރުކުރާ ރިޕޯޓެއް، މަޝްރޫއު ޤާއިމްކުރުމުގެ ހުއްދަ ދޭ ދުވަހުން ފެށިގެން ކޮންމެ ހަތަރު މަސްދުވަހަކުން، މަޝްރޫއު ހިންގާ ފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެ ގަވާއިދު ގައި ބުނެފައިވަނީ މިގޮތަށް ގާއިމްކުރާ ތަންތަނުގެ ތެރެއިން ދުވާލަކު ތިން ޓަނަށްވުރެ މަދުން މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަން މި ގަވާއިދުން އިސްތިސްނާ ވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް