
ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްޓަކައި މިހާރު ކުރުއަށްދަނީ އެތަނުގެ ފަސްގަނޑު އެއްވަރު ކުރުމަށްފަހު ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށްދަނީ ސީއެސްއާރުގެ ދަށުން އާރްކޭއެލް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) ކުންފުންޏާއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރީ މިދިޔަމަހުގެ ދެވަނަ ދުވަހުއެވެ.
މިހާރު ކުރިއަށްދާ ކޮންކްރީޓް އެޅުމުގެ މަސައްކަތް ނިމުނުހާ އަވަކަށް ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެގޮތުން އެމަސައްކަތް ނިމުމުގެ ކުރިން ޓްރެކުގައި އެޅުމަށް ހަމަޖެހިފައިވާ ސިންތެޓިކް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުންނެވެ.
ބާރަމިލިއަނަށްވުރެ ގިނަ ރުފިޔާ ހަރުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސައުވީސް އަހަރަށްފަހު ދުވާ ޓްރެކް މަރާމާތުކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފެއްޓީ މިއަހަރުގެ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ. ޔޫތު މިނިސްޓްރީން އަންނަނީ މިމަސައްކަތް އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ.