ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މި ބިލަކީ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލެއް ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ގިނަ ކޮރަޕްޝަންގެ ކަންކަން ހިނގާކަމަށް ވިދާޅުވި އެވެ.
ބޮންޑޭ ވަނީ ބައެއް ކުންފުނިތަކުގެ އިސްފަރާތްތައް ރިސޯޓްތަކަށް ގޮސް ފަރިއްކުޅުވުމަށްފަހު ނުވަތަ ޗުއްޓީ ހޭދަކުރުމަށްފަހު ބިލް ނުދައްކާ އަންނަކަމަށް ތުހުމަތުކޮށްފަ އެވެ.
ބޮންޑޭ ވިދާޅުވީ މިބިލްގައި ހަދިޔާގެގޮތުގައި ލިބޭ އެއްޗިއްސާއި އެކަށީގެންނުވާ ޑިސްކައުންޓާ މިފަދަ ކަންކަމަކީ ކޮރަޕްޝަންގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބޮންޑޭ ވަނީ ބައެއް ކުންފުނިތަކުގެ އެމްޑީން ވަގުތު އީމެއިންތައް ހަދައިގެން އަމިއްލަޔަށް ކޯޓޭޝަންތައް ނަގާ އެ ކޯޓޭޝަންތައް އެޕްރޫވް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.
ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.