ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު އޮކްޓޯބަރު 1 ވަނަ ދުވަހާ ހަމައަށް އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 0.3 ޕަސަންޓު އިތުރުވުމެކެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އަށެވެ. އެއީ 1.5 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ހަރަދުކުރި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް 0.8 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
ތަފާސްހިސާބަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ކުރި ހޭދައިގެ 88.3 ޕަސަންޓު ހަރަދުކޮށްފައި ވަނީ ހެލްތު މިނިސްޓްރީ، އައިޖީއެމްއެޗު އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އެޖެންސީ (އެންޑީއެމްއޭ) އަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީވުމަށް އިގްތިސާދީ ދާއިރާއަށް ހާއްސަ ހަރަދުތަކެއް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން ތައާރަފު ކުރި އިކޮނޮމިކް ރިލީފް ޕެކޭޖުތަކުގެ ތެރެއިން މިހާތަނަށް ވަނީ 1.03 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ދާއިރާއިން ކުރި ހޭދައިގެ ތަފާސްހިސާބު އޮކްޓޯބަރު 1 ގައި އާއްމު ކުރިއިރު، އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ނިމުމު ހަފްތާގައި ހޭދަކުރި މިންވަރު ވަނީ 2.1 ޕަސަންޓު އިތުރުވެފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 101.3 މިލިއަން ރުފިޔާ، ލޯން ސްކީމަށް 900 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުގެ ޑިސްކައުންޓަށް 34 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން ހޭދަކޮށްފައި ވެއެވެ. އަދި ފާއިތުވި ހަފްތާގެ ތެރޭގައި އިތުރު 21.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
މިދިޔަ ހަފްތާގައި ހޭދަކުރި 21.5 މިލިއަން ރުފިޔާއަކީ އިންކަމް ސަޕޯޓަށް ދޫކުރި 4.5 މިލިއަން ރުފިޔާ އާއި ކަރަންޓު ބިލުގެ ޑިސްކައުންޓަށް ދޫކުރި 17 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުގައި ވެއެވެ.