ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމާލާ މިއަދު ވަނީ ޓެސްޓުކޮށްފަ އެވެ.
މިމެޝިން ބެހެއްޓުމުގެ މަސައްކަތް އެސްޓީއޯ އާއިއެކު ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަށާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެގޮތުން މިއީ ހައްދުއްމަތީގައި ބެހެއްޓުނު ފުރަތަމަ ސީޓީ ސްކޭން މެޝިނެވެ.
ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ބޭނުންތަކަށް މާލެ އައުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވުމާއިއެކު، އަތޮޅުތެރޭގެ ރައްޔިތުންނަށް އެސަރަހައްދަކުން ބޭސްފަރުވާގެ ހިދުމަތްތަށް ހޯދައިނުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ސަރުކާރުން އަންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެހޮސްޕިޓަލުން ދެމުން އަންނަ ލެބޯޓްރީގެ ހިދުމަތް ރަނގަޅު ކުރުމަށް އިތުރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި މެޝިން އިންސްޓޯލްކޮށް ނިމުމާއިއެކު މީގެ ކުރިން އެހޮސްޕިޓަލުން ނުހެދޭ ގިނަ ޓެސްޓުތަކެއް ހެދެން ފެށޭނެކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މީގެއިތުރުން އެހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، ހޮސްޕިޓަލުގެ އިންޖީނުގެ އިމާރާތްކޮށް 400 ކިލޯވޯޓުގެ ދެ އިންޖީނު ވަނީ ގެންގޮސްފައެވެ.