ads
މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު އަބްދުﷲ ޖާބިރު ރުޅި އިސްކުރައްވައި މަޖިލިސް ތަޅުމުން ނިކުމެވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރުޅި އިސްކުރައްވައި، ޖަލްސާ ކުރިއަށްދަނިކޮށް މަޖިލިސް ތަޅުމުން ނިކުމެވަޑައިގެންފި އެވެ.

ޖާބިރު ރުޅި އިސްކުރެއްވީ، ދިވެހި ސަރުކާރުން ޗައިނާ އާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓެއް ނެތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުންނެވެ. 

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ، ޖާބިރު ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރާ ސުވާލުކުރެއްވުމެވެ. 

އެގޮތުން ޖާބިރު ވަނީ، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ހީނަރުކަން ފޯރާފައިވާ މި ދަނޑިވަޅުގައި މަސްވެރި އާއިލާތައް ބިކަވަމުން ދާއިރު، ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ދައުލަތުގެ ދަރަނިތައް ބޮޑުކޮށް ދައުލަތުން އެލަވަންސް ދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި އާއިލާތަކަށް އެލަވަންސް ނުދެނީ ކީއްވެތޯ އައްސަވާފަ އެވެ. 

ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭ ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ، ޖާބިރުގެ ސުވާލުތަކަށް މިނިސްޓަރު އަމީރު ޖަވާބުދެއްވި ފަހުންނެވެ. ނަޝީދު މިހެން ވިދާޅުވުމުން ޖާބިރު ވަނީ ރުޅި އިސްކުރައްވައި، ރައީސް ނަޝީދާއި، މިނިސްޓަރު އަމީރު ދައްކަވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. 

އަދި މިނިސްޓަރު އަމީރު އެއްވެސް ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވާކަމަށް ވިދާޅުވެ ޖާބިރު ވަނީ ނުރުހުން ފާޅުކުރައްވާ، މަޖިލީހުގެ ތަޅުމުން މިިނިސްޓަރު އަމީރު ބޭރުކުރެއްވުމަށް ގޮވާލައްވާފަ އެވެ.  

ޖާބިރު މަޖިލިސް ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އަލުން އަނބުރާ ތަޅުމަށް ވަޑައިގެން މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ޖާބިރު އަރިހުން އެދިވަޑައިގެންފަ އެވެ. 

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޖާބިރު ވަނީ އަލުން މަޖިލިސް ތަޅުމަށް ވަޑައިގެން އަލުން ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް