މިނިސްޓަރު އެކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބެއްގަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ޑިސެމްބަރު މަހާ ހަމައަށް އެލަވަންސް ލިބޭނެ ކަމަށާއި އަދި އެ އެލަވަންސް ދޫކުރާ މުއްދަތު އިތުރުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު އިތުރުކުރާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފުރަަތަމަ، އެލަވަންސް ދޭން ނިންމީ އޭޕްރީލް، މެއި އަދި ޖޫން މަހާ ހަމައަށް އެލަވަންސް ދޫކުރުމަށް ނަމަވެސް ހާލަތަށް ބަލާއި ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހާ ހަމައަށް އެލަވަންސް އަންނަނީ ދޫކުރަމުންނެވެ. އަދި މިހާރުގެ ހާލަތަށް ބަލާއި ތިން ވަނަ ފަހަރަށް އެލަވަންސް ދޭ މުއްދަތު މިވަނީ އިތުރުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 22،751 މީހަކު އެ އެލަވަންސަށް އެދި ހުށަހަޅާފައިވާއިރު އޭގެތެރެއިން މިހާތަނަށް 8648 މީހަކަށް އެ އެލަވަންސް ދޫކޮށްފައިވެ އެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި މި އެލަވަންސްގެ ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ.
އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ.
އެ އެލަވަންސަށް ޝަރުތު ހަމަވުމަށް ކުރިމަތިލާ ފަރާތްތަކުން މިދިޔަ އަހަރުގެ އެކެއް ޑިސެމްބަރާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ.