"އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމުމުން ނޫސްވެރިންނާއި މީޑިއާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރެވުނު ކަމަށާއި އެ ބިލުގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އެ އިދާރާތަކުން ދީފައިވާ ކަމަށެވެ.
"އަދި މި ބިލުގެ ޑްރާފްޓިން މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ވެސް މި ޖަމިއްޔާ އަށް ވަނީ ލިބިފަ އެވެ،" ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށާއި އެއީ ޖިނާއީ ކުށަކަށް ހަދައިފި ނަމަ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވި، "އެ ހައްގުތައް ހެޔޮ ގޮތުގައި ބޭނުން ކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް" މަގުފަހިވާނެ ކަމަށެވެ.
"އެހެންކަމުން، އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ މި ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ހަދާނެ، އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމެއް ކަމުގެ ޔަގީންކަން އެންމެހާ ނޫސްވެރިންނަށް ދެމެވެ،" އެ ބަޔާނުގައި ވެއެވެ.
އެމްޖޭއޭއިން ވަނީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް ބިލުގައި ނުހިމެނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.
އޭގެ އިތުރުން އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭ އަދަދު ވާން ވާނީ މުޖުތަމައުގެ މާލީ ފުދުންތެރިކަަމަށް ރިއާޔަތްކޮށް، ވަކިވަކި ނޫސްވެރިން ހިމާޔަތް ވާނެ ގޮތަކަށް ބިލު ކުރިއަށް ގެންދިޔުމަށް ވެސް ގޮވާލާފައި ވެއެވެ.