ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ، ނ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގަ އެވެ.
އެގޮތުން ނ. އަތޮޅުން ވަނީ މަސްތުވާތަކެއްޗާއެކު އުމުރުން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ. އެ މީހާ ހައްޔަރު ކުރީ މާލެއިން ނ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން މިލަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން، މަނަދޫގައި މަސައްކަތް ކުރާ ފުލުހުން ގޮސް އެރަށު ބަނދަރު މަތިންނެވެ. އަދި ހައްޔަރުކޮށް ބެލި ބެލުމުގައި ބޯޓުން ބޭލި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މާލެއިން އއ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން އެ އަތޮޅު ފެރިދުއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން، ރަސްދޫގައި މަސައްކަތް ކުރާ ފުލުހުން ގޮސް ކަނޑުމަތިން އެބޯޓު ހުއްޓުވައި، ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ އާއި ގުޅުން ހުރި އެއްވެސް މީހެއް އަދި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިމަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު އދ. ދަނގެތިން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނަކާއި އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރިން އުމުރުން 40 އަހަރުގެ މީިހާ ހައްޔަރުކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެދަށައް ގެނެސް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އުމުރުން 26 އަހަރުގެ މީހާ ހައްޔަރު ކުރީ، ދަނގެތިން އެ އަތޮޅު ދިގުރަށަށް ދަތުރު ކުރާ ފެރީއަކުން ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަވަނަ ދުވަހު އެވެ. އެގޮތުން ދަނގެތީ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކުޑަ 60 ރަބަރު ޕެކެޓު ފެނިފަވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.