ads
މަސްތުވާތަކެތި ނައްތާލުން-- ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާ ތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލީ މިއަދު ހެނދުނު މިކަމަށް ހާއްސަކޮށްގެން ދޫނިދޫގައި ބޭއްވި ހަރަކާތެއްގައެވެ. މި ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް ހަމީދުގެ އިތުރުން ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. 

ފުލުހުންބުނީ މިތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށެވެ. އަދި މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި، 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި، 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި، 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭ ހިމެނޭގޮތަށް ޖުމްލަ 324.05 ކިލޯގްރާމުގެ މަސްތުވާތަކެތި ނައްތާލެވުނު ކަމަށެވެ. 

އެގޮތުން 25،880 ރަބަރު ޕެކެޓާއި، 11،794 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 734 ދަޅާއި، 455 ބުލެޓާއި، 233 ބިޑިއާއި، 11،156 ބޭސްގުޅައާއި، އެހެނިހެން 79225 ތަކެތި ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މިތަކެތި ނައްތާލުމަށްޓަކައި ދޫނިދޫގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެމަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. އަދި މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް