އެ އަތޮޅުން ހިމާޔަތްކޮށްފައިވާ ފަސް ސަރަހައްދަކީ ޅ. މާގަނޑު (އެނިމޯން) ތިލަ އާއީ، ޅ. ސެއްޅިފުށި އަދި ހިރިޔަދޫ ޗަސްބިން ސަރަހައްދާއި، ޅ. މާކޯ އަދި ވައްވަރު (ދަނޑިފަޅު ކަނޑުއޮޅި) ގެ އިތުރުން ޅ. ދަށުގިރި ފިނޮޅެވެ.
މާގަނޑު ތިލަ ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ ބާވަތް ތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަނހަބު ހިމެނެއެވެ. އަދި އެ ސަރަހައްދުން 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑްކުރެވިފައިވެއެވެ.
މާގަނޑު ތިލަ ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ހަ ވަނަ ގިންތީގެ ދަށުންކަމަށް އިންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.
ޅ. ސެއްޅިފުށި އަދި ހިރިޔަދޫ ޗަސްބިން ސަރަހައްދަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށުގެ އެންމެ އުތުރަށް އޮންނަ ދެ ރަށެވެ. އެ ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ހާއްސަ މާހައުލެކެވެ. އެފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވާއިރު ރަށުގައިވާ ކަހެރުވައް ގަސްތަކަކީ ދިވެހިރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެކެވެ. އަދި އެރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެއްކަންވެސް ފާހަގަކުރެވެއެވެ.
އެސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި "ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދު" ގެ ދަށުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ އަތޮޅުން ދެން ހިމާޔަތްކޮށްފައިވާ މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ހާއްސަވަނީ ރަށުގައިވާ ކުޅި އާއި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ. އެ ގޮތުން އެރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ އަދި، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑުކުރެވިފައިވާ ސަރަހައްދެކެވެ.
އަދި އެކުޅިއަކީ ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކާބަން ސިންކްއެއްގެ އިތުރުން، ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި ވިހާ އާލާވާ ސަރަހައްދެކެވެ. އެރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، ދެ ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.
އެ ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި " ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދު"ގެ ދަށުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން އެއަތޮޅު ހިމާޔަތްކޮށްފައިވާ ވައްވަރު ފަޅުގައި އުފެދިފައިވާ ދަނޑިފަޅު ފިނޮޅު ކައިރިއަކީ ކަނޑުމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ބިސް އަޅާ ހިތްގައިމު ތަނެކެވެ. އަދި އެ ފިނޮޅު ކައިރީގައި އުފެދިފައިވާ ފަރުގައި މަސް އާލާވާ ނާސަރީތައްވެސް އުފެދިފައިވާއިރު މިއީ ވަރަށް ގިނައިން އެންމަޑިވެސް ފެންނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދެކެވެ.
އެސަރަހައްދު އިތުރަށް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ އެދޭތެރޭގައި އުފެދިފައިވާ ކަނޑުއޮޅީގެ ފުރިހަމަކަމުންނެވެ. މިއީ ވަރަށް ހާއްސަ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ، މަދުން ނޫނީ ނުފެންނަ ބާވަތުގެ މަސްމަހާމެހި މުރަކައިގެ ބާވަތްތައް ގިނަ، ފީނާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. ވައްވަރާއި ދަނޑިފަޅު ދެމެދުގައިވާ ކަނޑުއޮޅީގެ ފަރުތަކަކީ ކަނޑުއަޑީގެ ހޮހަޅާތަކާއި 'އޯވާހޭންގް' ތަކުން ފުރިފައިވާ ސަރަހައްދެކެވެ. މި ފަރުތަކުގައި ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ، 'ޔެލޯ މައުތުޑް މޮރޭ އީލް' އަދި ބޮޑެތި ދަންބޮޑު މަހުގެ އައިންތައް އިތުރުން އެ ފަރުތަކުން އާއްމުގޮތެއްގައި ފެހިވެލައާއި ވައިފިޔަ މަޑި، ފެނެއެވެ.
ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ ހަ ވަނަ ގިންތި "ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާ"ގެ ދަށުންނެވެ.
އޭގެ އިތުރުން ޅ. ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށްވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މިފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅުކަން ފާހަގަކުރެވިފައިވެއެވެ.
އެމާހައުލަކީ، ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަންއަރާ، ބިސްއަޅާ، ވިހާ އާލާވާ، އިކޮލޮޖިކަލީ މުހިއްމު މާހައުލެކެވެ. ފިނޮޅަށް ލިބޭ ހިމާޔަތަކީ މިދޫނިތަކަށްވެސް ލިބިދޭނެ ހިމާޔަތެއްކަމުން، ލާމެހިފައިވާ ވެށީގެ ދިރުންތަކަށް ލިބިދޭ މަންފާއިން މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ދަށުގިރި ފިނޮޅު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ ދެވަނަ ގިންތި "ސްޓްރިކްޓް ނޭޗާ ރިޒާވް"ގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ކޮންމެ އަތޮޅުކަން މަދުވެގެން އެއް ރަށާ، ފަރާ، އަދި ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން މިހާތަނަށް 71 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާއިރު އެ ސިޔާސަތުގެ ދަށުން ފަސް އަތޮޅަކުން ނުވަ ރަށް، އަދި ހަ އަތޮޅަކުން 13 ފަރުގެ އިތުރުން ފަސް އަތޮޅަކުން އަށް ކަނޑޫފާ 2018ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަނީ ހިމާޔަތްކޮށްފައެވެ.