ހުކުރު ހުތުބާގައި ބުނެފައިވަނީ މަތިވެރި އަހްލާގީ ސިފަތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެމީހުންގެހައްޤުތައް ދެނެގަނެ އެ ހައްގުތަކަށް ރައްކާތެރިވެ އިހްތިރާމް އަދާކުރުން ހިމެނޭ ކަމަށެވެ.
ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އެއީ އިސްލާމީ އަދަބެއް ކަމަށެވެ. އަދި އެކަމަކީ ދީނުގައި ވާޖިބު ކުރައްވާފައިވާ މަތިވެރި އަޅުކަމެއްކަމަށް ބަޔާންކޮށްފައިވެ އެވެ. ހުތުބާގައި ބުނެފައިވަނީ ދުވަސްވީ މީހުންނަށް އަޅާލުމުގައި އެމީހުންނާ ވާހަކަ ދެއްކުގައްޔާއި އެމީހުންނާއި މުހާތަބު ކުރުމުގައި ރިވެތިގޮތްތައްކާއި އަދަބުތައް ބެހެއްޓުން ހިމެނޭކަމަށެވެ.
އިސްލާމީ މުޖުތަމައުއަކީ އެ މުޖުތަމައުގެ ބޮޑެތި މީހުންނަށް ވަރަށް ހާއްސަ ގަދަރަކާއި އިހްތިރާމެއް ދިފައިވާ މުޖުތަމައުއެއްކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި އިޖްތިމާއީ ގޮތުން ކުރެވޭ ކަންކަމުގައި އުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަންކޮށް އިސްދައުރެއް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން އިޖުތިމާއީ ގޮތުން މުޖުތަމައަށް އަންނަ ބަދަލުތަކުން އުމުރުން ދުވަސްވީ މީހުން ސަލާމަތް ކުރުމަށްޓަކައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޭނުންވާ އެހީތެރިކަމާ އަޅާލުން ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
އުމުރުން ދުވަސްވީ މީހުނަށް މުޖުތަމައުގެ ތެރެއިން އެކިކަހަލަ އަނިޔާލިބޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ.
ދުވަސްވީ މީހުނަށް ސަރުކާރުންދޭ އިޔާނަތް އެމީހުންނަށް ނޭނގި ބޭނުން ކުރުމުގެ މައްސަލަތައް ދިމާވާކަމަށާއި، އަދި އެމާލީ އިނާޔަތާހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި އުމުރުން ދުވަސްވީ މީހުނަށް އިތުރު ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.