ads
ކޮވިޑް ސާމްޕަލެއް ނަގަނީ--
ކޮވިޑާއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ވިސްނިއްޖެ
މި އަހަރު ފެށުމާއެކު މީހުންގެ ދިރިއުޅުމަށް އައީ ބޮޑު ލޮޅުމެކެވެ. ބާރު ދުވެލީގައި ދުނިޔެއަށް ފެތުރިގަތް ކޮވިޑް-19 ބަލީގެ ސަބަބުން އެންމެން ގޭގައި ތާށިވީ އެވެ. މާލޭގައި ތޮއްޖެހިގެން އެތައް ބަޔަކު ގޭގައި ތިބެން ޖެހުމާއެކު ފިތިފައިވާ ސިކުނޑިތަކަށް އިތުރު ޕްރެޝަރަކާ ކުރިމަތިވީ އެވެ. ސިއްހީ ގޮތުން ދުޅަހެޔޮ އެތައް ބަޔަކަށް ވެސް ނަފްސާނީ މައްސަލަތަކުގެ ކުލަވަރު ފެންނަން ފެށި އެވެ.

އުމުރުން 67 އަހަރުގެ އައިޝަތު ނާސިރާއަކީ ހަތަރު ކުދިންގެ މަންމަ އެކެވެ. އުމުރުން ދުވަސްވީ ދުވަހު ގޭތެރޭގެ މަސައްކަތްތަކުގައި އުޅޭކަން ނުޖެހެ އެވެ. މުސްކުޅިވުމުން ދިމާވާ ސިއްހީ އެކި މައްސަލަތަކުން ދުރުވުމަށް ނާސިރާ ގަވާއިދުން ބޭރަށް ނިކުމެ، ކަސްރަތުކޮށް، ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް ހަދަ އެވެ. 

"އެންމެ ދެރަވަނީ މިސްކިތަށް ނުދެވޭތީ. އެ ވަގުތުކޮޅަކީ ރައްޓެހިންނާ އެއްކޮށް ހޭދަކުރަން ލިބޭ ވަގުތެއް. ދެން ދިމާވާ މައްސަލައަކީ ކަސްރަތަށް ބޭރަށް ނުނިކުމެވޭތީ ސިއްހީ ކަންކަން ގޯސްވުން. މޫދަކަށް ނުދެވޭ. މިހާރު އަނެއްކާ ވެސް ކަށިތަކުގައި ރިއްސަން ފަށައިފި،" ނާސިރާ ބުންޏެވެ.

ތިން މަހުގެ ލޮކްޑައުނަށް ދިޔުމާއެކު ނާސިރާ ގޭގައި މަޑުކުރަން މަޖުބޫރުވި އެވެ. އެކަމަކު ލޮކްޑައުނަށް ލުއިތައް ދިނުމުން ވެސް އޭނާއަށް ބޭރަކަށް ނިކުމެވޭކަށް ނެތެވެ. އެއީ އުމުރުން ދުވަސްވެފައި ވުމާއި، ހަކުރު ބައްޔާއި އެހެން ބައެއް ސިއްހީ މައްސަލަތައް ކުރިން ދިމާވެފައި ވާތީ އެވެ. 

"އަޅުގަނޑު ހިތަށް އަރަނީ ކިހާ ދުވަހަކު މިހެން އުޅެން ޖެހޭނެ ބާއޭ. ފުރަތަމަކޮޅު ވަރަށް ހިތްދަތިވި، ބިރުވެސް ގަތް. އެކަމަކު މިހާރު މާތް ﷲ ގެ އިރާދަފުޅުން ގޭގައި ނަމާދުކޮށް، ގަވާއިދުން ގޭގައި ކަސްރަތުކޮށް، ކޮންމެ ދުވަހަކު ރައްޓެހިންނާ ވާހަކަދައްކާ ހަދަން،" އޭނާ ކިޔައިދިނެވެ.

ކޮވިޑް-19 އާ ގުޅިގެން ޑިޕްރެޝަންގެ ތުންފަތް މައްޗަށް ނާސިރާ ފަދައިން އެތައް ބަޔަކު ދިޔަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިކަމުގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ އަންހެނުންނެވެ. އެގޮތުން ކޮންމެ ތިން އަންހެނަކުން އެކަކަށް ލޮކްޑައުންގެ ސަބަބުން ނަފްސާނީ މައްސަލަ ދިމާވާ ކަމަށް އިނގިރޭސިވިލާތުގެ އެސިކްސް ޔުނިވާސިޓީގެ ދިރާސާއެއްގައި ވެއެވެ.

ނަފްސާނީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ލޮކްޑައުންގެ ތެރޭގައި ރިޕޯޓްކުރި ނިސްބަތް ހަތް ޕަސެންޓުން 18 ޕަސެންޓަށް މައްޗަށް އަރާފައިވާ ކަމަށް އެ ދިރާސާގައި ވެއެވެ. އެގޮތުން އަންހެނުންނަށް ދިމާވި މައްސަލަތައް 11 އިން 27 ޕަސެންޓަށް އިތުރުވެފައި ވާއިރު، 34 ޕަސެންޓް އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އެކަނިވެރިކަމެވެ. ފިރިހެނުންގެ މި ނިސްބަތް ލޮކްޑައުންގެ ތެރޭގައި އުޅެނީ 23 ޕަސެންޓުގަ އެވެ.

ލޮކްޑައުނާ ގުޅިގެން ނަފްސާނީ މައްސަލަތަކަށް އެހީ ހޯދާ މިންވަރު ރާއްޖޭގައި ވެސް ވަނީ ތިންގުނަ އިތުރުވެފަ އެވެ. އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވީ މި އަހަރުގެ މާޗް އިން ފެށިގެން މެއި މަހުގެ ނިޔަލަށް 999 މީހުން ނަފްސާނީ ފަރުވާ ހޯދަން އެދުނު ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަރުވާ ހޯދީ 330 މީހުންނެވެ.

"އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތަށް ހުށަހެޅުނު މައްސަލަަތަކަށް ބަލާއިރު ވެސް ނުވަތަ އެތަނުގެ ފަރުވާއަަށް އެދިގެން އެ ތިން މަސް ތެރޭގައި ފަރުވާއަށް އެދި، އެޕޮއިންޓްމެންޓަށް އެދި އައިސްފައި ހުރި އަދަދު ތިން ގުނަ އިތުރު،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ޑރ. އާފިޔާ ވިދާޅުވީ ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަ ކުރުމަށް އެންމެ ރަނގަޅު ކަމަކީ އަމިއްލަ ބާރު ހިނގާ ކަންކަމަށް ސަމާލުކަން ދިނުން ކަމަށެވެ. އަދި ގޭގައި ތިބެގެން ވެސް އިޖުތިމާއީ ގުޅުން ދަމަހައްޓަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް އިއްޔެ ފާހަގަކުރިއިރު، އެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އާއްމު ސިއްހަތަށް ގެންނަން ބޭނުންވާ ބަދަލުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ ފަސޭހައިން ލިބޭ ގޮތް ހެދުމަކީ މުހިއްމު އަމާޒެއް. އެހެންކަމުން މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާ މުޅި ރާއްޖެއަށް ފޯރުކޮށްދެވޭ ގޮތް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ވަރުގަދަ ކުރަން އަޒުމް ކަނޑައަޅަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

އިއްޔެ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރިއިރު، މި ދުވަހުގެ ޝިއާރަކީ "މެންޓަލް ހެލްތް ފޮ އޯލް - ގްރޭޓާ އިންވެސްޓްމަންޓް، ގްރޭޓާ އެކްސެސް" ނުވަތަ އެންމެންނަށް ނަފްސާނީ ދުޅަހެޔޮކަން - އިތުރު އިންވެސްޓްމަންޓް، އިތުރަށް ފުޅާކުރުން،" މިއެވެ.

އެ ޝިއާރުގެ މަގްސަދަކީ އެފަދަ ފަރުވާ ފަސޭހައިން ހުރިހާ އެންމެންނަށް ލިބޭނެ ގޮތް ހެދުމަށް އެ ދާއިރާގައި އިންވެސްޓްމަންޓު އިތުރު ކުރުމަށް ބާރު އެޅުމެވެ. ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު، އައިޖީއެމްއެޗުގައި އެކަމަށް ހާއްސަ ކްލިނިކެއް ހުޅުވާފައި ވަނީ ވެސް އެފަދަ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހި ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް