
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ގުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމާއި، ދިވެހިންގެ އާދަކާދައާއި ސަގާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަން ހާސިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އެ ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުޠުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި، ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެ މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފަ އެވެ.