
އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އަންހެން ކުދިންގެ ދުވަހާ ގުޅޭ ގޮތުން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން ނެރުނު ހާއްސަ ފޮތެއް އިފްތިތާހުކުރުމަށް އޮންލައިންކޮށް ހަވީރު ބޭއްވި ހަރަކާތެއްގަ އެވެ.
ފަޒްނާ ވިދާޅުވީ އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި، އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ ވެސް އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭ ބިންގަލެއްކަމަށާއި އެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުދިންގެ މާދަމާގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފަޒްނާ ފާހަގަކުރެއްވިއެވެ.
ސީޑޯ މުއާހަދާގެ މައްޗަށް އަންހެން ކުދިންނާއި ފިރިހެން ކުދިން އަހުލުވެރިކުރުވުމަކީ އެ ކުދިންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އެކި އުމުރުގެ ހުރިހާ ކުދިންނަށް ދެވޭ ހިތްވަރެއްކަމަށާއި ކޮންމެ އަންހެން އަދި ފިރިހެން ކުއްޖަކަށް އެ ކުއްޖެއްގެ ހައްގު މަގާމު އާއިލާއާއި މުޖުތަމައުގައި ހޯދުމަށް ދެވޭ ވަސީލަތެއްކަމަށް ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ އަންހެނުންނާމެދު ކުރެވޭ ހުރިހާ ބާވަތެއްގެ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ އދ.ގެ މުއާހަދާކަމުގައިވާ ސީޑޯއަކީ އަންހެނުންނާއި އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބާރުއަޅާ ވަސީލަތެއް ކަމަށެވެ. އެ މުއާހަދާއިން ބާރުއަޅަނީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތާއި ވަސީލަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ މުއާހަދާގެ ޒަރިއްޔާއިން ކުޑަކުދިން ބާރުވެރިކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ބައިނަލްއަގްވާމީ މުއާހަދާކަމުގައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)" އަށް އަހުލުވެރިކުރުން ފަދަ މުހިންމުކަމެއް ކަމަށެވެ.
އޭގެ އިތުރުން ފަޒްނާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް އާއިލާތަކުން ޖެހިލުންވާ ކަމަށެވެ. އެކަމުގެ އެއް ސަބަބުކަމުގައި ބެލެވެނީ، ހައްގުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަހްލާގަށް ނޭދެވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީކަމަށާއި، އެކަމަށް އޮތް ހައްލަކީ ލިބިފައިވާ ކޮންމެ ހައްގަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް އަމަލާއި ބަހުން ދެއްކުންކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
އެ ހަފްލާގައި މިއަދު އިފްތިތާހުކުރި ”ދަ ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮން އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން” ފޮތާއި ބެހޭގޮތުން އެކަމަނާ ވިދާޅުވީ އެ ފޮތަކީ އާއިލާތައް ބާރުވެރިކުރުމަށާއި ކުޑަކުދިން ބާރުވެރިވެރިކުރުމަށް އެހީތެރިވެދޭނެ މުހިންމު އަދި ބޭނުންތެރި ވަސީލަތެއްކަމަށެވެ.