ވައްކަމުގެ މައްސަލައިގެ ކުށް ސާބިތުވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހދ. ވައިކަރަދޫ، ޕެރިމްރޯޒް، 36 އަހަރުގެ ހުސައިން ޝާހްގެ މަށްޗަށެވެ. އޭނާގެ މަށްޗަށް އެ ހުކުމް ކޮށްފައިވަނީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު އެވެ.
ދައުލަތުން ހުސައިން ޝާހްގެ މައްޗަށް ވައްކަން ކުރި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، މި އަހަރުގެ މާޗު 17 ވަނަ ދުވަހުގެ 13:30 އެހައިކަންހާއިރު ހދ. ވައިކަރަދޫ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ސާކިއުލާ ކީހަކާއި، މަކިޓާ ބްރޭންޑްގެ ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެއް ވަގަަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، އެ މައްސަލާގައި ދައުވާ ލިބޭ ހުސައިން ޝާހް އެ ދައުވާގެ އިބްތިދާއިީ މަޖިލީހުގައި އަދި އަވަސް ނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން ވައްކަންކުރުމުގެ ކުށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ޝާހްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އަވަސް ނިޔާގެ ދަށުންނެވެ.