ސްޓެލްކޯއިން ބުނެފައިވަނީ މުޣުނީއަށް އެ އެވޯޑް ލިބުނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާއި މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް ކަމަށެވެ.
އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަކަނެކްޝަން ޕްރޮޖެކްޓް ހިމެނޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ. މީގެ އިތުރުންވެސް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުމާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ވެސް ހިމެނޭކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެ އެވެ.
މިއީ މިފަދަ އެވޯޑެއް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އޮންލައިންކޮށް ބޭއްވި މި އެވޯޑް ހަފްލާގައި އެވޯޑް ލިބިވަޑައިގަތުމުން މުޣުނީ ވަނީ 70 އަހަރުގެ ދިގުމާޒީއެއް އޮތް ސްޓެލްކޯއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ އެ ކަމަށްޓަކައި އުފާކުރައްވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ސްޓެލްކޯއަކީ އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.
މީގެ އިތުރުން، މި ހިސާބަށް ވަޑައިގެންނެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތާއި ކުރައްވާ އިތުބާރަށްޓަކައި ރައީސަށް މުޣުނީވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
މުޣުނީއަށް "އެމާޖިން ލީޑާ އޮފް ދި ޔިއާ" ލިބުނު އިރު، މުޣުނީ ޑިގްރީއާއި މާސްޓާސް ހާސިލްކޮށްފައިވަނީ އެމެރިކާއިންނެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. މި ކޮންފަރެންގައި ސްޓެލްކޯއާއި ސްޓެލްކޯގެ އެމްޑީއަށް އެވޯޑްލިބުނު އިރު މި އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފަ އެވެ.