ads
ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލައި ބަންގްލަދޭޝްގައި މުޒާހަރާކުރަނީ. ފޮޓޯ: ބީބީސީ
ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް ބަންގްލަދޭޝް އިން މަރުގެ އަދަބު ދިނުމަށް ނިންމައިފި
ބަންގްލަދޭޝްގެ ސަރުކާރުން ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބަކީ މަރުގެ އަދަބު ކަމަށް އެ ގައުމުން ނިންމައިފި އެވެ.

މިޔަދު ބަންގްލަދޭޝްގެ ސަރުކާރުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހުރިހާ ވަޒީރުންގެ ތާއީދާ އެކު ވަނީ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފައެވެ. އެގޮތުން މިއަދު ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވަނީ ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އެ ގައުމުގެ ގިނަ ބަޔަކު މަގުތަކުގައި މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ބޯޑުތައް ހިފައިގެން ވެރިރަށް ދާކާގެ މަގުތަކަށް އެއްވެ، ޝަރީއަތްތައް ހިންގުން އަވަސްކުރުމަށާއި ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފައެވެ.

ބަންގްލަދޭޝްގައި ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އަޑުގަދަވެފައިވަނީ އެގައުމުގެ އިރުމަތީ ދެކުނު ނޮހާލީ އަވަށުގައި އަންހެނަކު ރޭޕްކޮށްފައިވާ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމާއި ގުޅިގެންނެވެ. މި މައްސަލައާއި ގުޅުންހުރި އަށް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ދާދިފަހުން ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕަކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ހާޙެއްހާ މީހުން ރޭޕްގެ ޝިކާރައަކަށް ވެފައިވާ އިރު، ފަސް ބައިކުޅަ އެއްބައި މައްސަލަތަކަކީ ގޭންގް ރޭޕް އާއި ގުޅުންހުރި މައްސަލަތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް