ads
ޗައިނާގެ މަސް ބޯޓުތަކެއް-- ފޮޓޯ: ބިޒްނަސް އިންސައިޑާ
ޗައިނާގެ ބޯޓުތަކުން ގަވާއިދާ ހިލާފަށް މަސްބާނާ މައްސަލައެއް ފެންމަތިވެއްޖެ
ޗައިނާގެ މަސްބޯޓުތަކުން ގަވާއިދާ ހިލާފަށް ބޭރު ކަނޑުތަކުގައި މަސް ބާނަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޗައިނާގެ މަސްބޯޓުތަކުން ވަނީ ދެކުނު އެމެރިކާގެ އިކުއެޑޯގެ ސަރަހައްދެއްގައި ޖުމްލަ 73،000 އަށް ވުރެ ގިނަ ގަޑިއިރު ގަވާއިދާ ހިލާފަށް ބޯވަ ހިފުމުގައި ހޭދަކޮށްފަ އެވެ.

އިކުއެޑޯގެ ނޭވީ އިން ވަނީ މިއީ ހަގީގަތެއްކަން ޔަގީންކޮށްދީފަ އެވެ. އެގޮތުން ޗައިނާގެ 300 އަށް ވުރެ ގިނަ މަސްދޯނި ފަހަރު އިކުއެޑޯގެ ގެލެޕެގޮސް އައިލެންޑްސްގެ ސަރަހައްދުން ޕެރޫގެ އިކޮނޮމިކް ޒޯންގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އިކުއެޑޯގެ ނޭވީ އިން ބުނެފައި ވެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގެ ސަރުކާރުން ވަނީ މި މައްސަލަ ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެ ގައުމުގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

ދެކުނު އެމެރިކާގެ ގައުމުތައް ކަމަށްވާ އިކުއެޑޯ އާއި ޗިލީ ނިސްބަތްވާ ސަރަހައްދަކީ ކަނޑުގެ ދިރުންތައް ގިނަ، މުއްސަނދި ސަރަހައްދެކެވެ. ނަމަވެސް ޗައިނާގެ މަސްބޯޓުތަކުން އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔުމުގެ ސަބަބުން އިކުއެޑޯ އަދި ޗިލީގެ އިގްތިސޯދަށް ގެއްލުންވާނެ ކަމުގެ ބިރު އެބަ އޮތެވެ.

ޗައިނާގެ މަސްބޯޓުތަކުން ގަވާއިދާ ހިލާފަށް ދެކުނު އެމެރިކާ ކަނޑުގެ ސަރަހައްދުގައި މަސް ބާނަމުން ދާތީ އެ ސަރަހައްދުގެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް