އަޕާ ނޯތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބައެއް މުވައްޒަފުން ވަނީ ކަރަންޓީނު ކޮށްފައެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި ފުލުހުންގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.
އަދި ބަލިން އިތުރަށް ރައްކާތެރިވުމަށް ޑިވިޝަންގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކާއި އެހެނިހެން ތަންތަނުގައި އުޅޭއިރުވެސް އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާނެ ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ މަރުކަޒުތަކާއި، ފުލުހުން ބޭނުންކުރަމުންދާ ކަނޑު އުޅަނދުތަކުގެ އިތުރުން އެއްގަމު އުޅަނދުތައްވެސް ގަވާއިދުން ޑިސްއިންފެކްޓް ކުރަމުންގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެ ސަރަހައްދުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ރަށުތެރެ ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ރަށަކުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފުލުހަކު ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށިން މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުލުސް މީހާ އަޕާ ނޯތުގެ ގިނަ ޑިވިޝަންތަކެއްގައި މަސައްކަތް ކޮށްފައިވުމާއިއެކު އެ ސަރަހައްދުގެ ގިނަ ޕޮލިސް ސްޓޭޝަންތަކެއް ބަންދު ކުރިނަމަވެސް މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.