އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓިން އެންގީ 348.01 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށެވެ.
ނަމަވެސް ހައި ކޯޓުން އެ ހުކުމް ބާތިލް ކުރުމުން ދީބާޖާއިން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަތީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވެސް ކަނޑައެޅި އެ ފައިސާ ދީބާޖާއަށް ދިނުމަށެވެ.
އޭގެ ފަހުން ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުން އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިފަ އެވެ. މިއަދު ހެނދުނު އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ ދީބާޖާއަށް ބަދަލު ދޭން ނިންމީ އެ ކުންފުނިން އަމިއްލައަށް ތައްޔާރު ކުރި އޮޑިޓިންގެ އުސޫލަށް ނުފެތޭ ލިޔުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފައިސާ ދައްކަން ހުކުމް ކުރީ ކޮންޓްރެކްޓާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހާ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ކަނޑައެޅި ގޮތް ވެސް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.
އިސްތިއުނާފް މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ނުވީ ސިވިލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވެގެން ކަމަށް ދައުލަތުން ބުންޏެވެ. އެ މުއްދަތު ހަމަވި ނަމަވެސް މަގްބޫލު އުޒުރަކާއެކު މައްސަލައެއް ބަލައި ގަނެވޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
އޭގެ އިތުރުން އާއްމު މަސްލަހަތާ ގުޅުން ހުރި ބޮޑު މައްސަލައެއްގައު މައުލޫއީ ގޮތުން ބަލަން ޖެހޭ ކަންކަމަށް ބެލުމެއް ނެތި ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށާއި އެއީ އިންސާފަށް ހުރަސް އެޅުން ކަމަށް ދައުލަތުން ވަނީ އަޑުއެހުމުގައި ބުނެފަ އެވެ.
ދައުލަތުން އެދުނީ ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމަކަށް ވާތީ އެ ނިންމުން ބާތިލުކޮށް މައުލޫއީ ގޮތުން އެ މައްސަލަ ބަލާ ނަމަ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށެވެ.
ނަމަވެސް ދީބާޖާގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމު މައްސަލައެއް އަލުން އެ ކޯޓަށް ބެލޭނެ ހަމައެއް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުން މިހާރު ދައްކާ ވާހަކަ ކުރިން ދެއްކި ވާހަކައާ ދިމާނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން އިސްތިއުނާފް ނުކުރެވުނީ އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން ކަމަށާއި އެއީ އިސްތިއުނާފް ލަސްކުރަން މަގްބޫލު ސަބަބެއް ނޫން ކަމަށް ކުރިން ދައުލަތުން ބުނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ އެއް ގޮތަށް ދީބާޖާއަށް ބަދަލު ދިނުމަށް ސެޓްލްމަންޓް ކޮމިޓީއެއް ހަދާފައިވުމުން ދޭހަވަނީ ދައުލަތުން ވެސް އެ ހުކުމް ބަލައިގަންނަ ކަމެވެ.
އެ މައްސަލައިގެ މިއަދު އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
މި މައްސަލަ މުރާޖައާ ކުރުމަށް އެދުނުއިރު، ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްބަސްވެފައި ވަނީ ބަދަލުގެ ގޮތުގައި ދޭ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަ ކުރުމަށެވެ.
ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ.
ނަމަވެސް 2013 ވަނަ އަހަރު އެ ކުންފުންޏާ އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފަ އެވެ.
އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް، ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެ ކުންފުންޏަށް އެއްބަސްވުމުގެ ދަށުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަންވެސް ލާޒިމްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ބިންތައް ދީބާޖާއަށް ދޫކޮށްފައެއް ނުވެއެވެ.