ads
ބަންޑާރަނައިބު ރިފްއަތު މަޖިލިސް ކޮމެޓީގައި -- ފޮޓޯ / ސަން
ދީބާޖާ މައްސަލަ ރިވިއު ނުކުރީ އަދަދަށް ބަދަލު އަންނާނެ ކަމަށް ނުފެންނާތީ: އޭޖީ
ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ކުރުމަށް އެކޯޓަށް ހުށަނޭޅީ އެ މައްސަލާގައި ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement
ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ކުރުމަށް އެކޯޓަށް ހުށަނޭޅީ އެ މައްސަލައިގައި ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ދިބާޖާއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މީގެކުރިން ބަންޑާރަނާއިބު ވަނީ އެ ހުކުމް ރިވިއު ކުރެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން އެ މައްސަލާގައި އަދުލުވެރި ހުކުމެއް ކުރައްވާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބަންޑާރަނާއިބް އޭރު ކޮމިޓީގައި ވިދާޅުވި އެވެ.

ބަންޑާރަނައިބް މިހެން ވިދާޅުވެފައި ވަނިކޮށް ދާދިފަހުން ސަރުކާރުން ވަނީ ދީބާޖާއަށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ. މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ މީގެކުރިން ބަންޑާރަ ނާއިބު ވިދާޅުވި ވާހަކަތައް ކޮމިޓީއާ ހިއްސާ ކުރައްވާ އެކަން އެގޮތަށް ދައުލަތުން ނުކުރީ ކީއްވެގެންތޯ ސާފުކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ބަންޑާރަނައިބު ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އެހެންކަމުން މިއަދު ބަންޑާރަނައިބް ވަނީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ދީބާޖާގެ މައްސަލައިގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ބަންޑާރަނައިބް ވިދާޅުވީ ސުޕްރީމް ކޯޓުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރީ ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރި ތާރީހަކީ ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހަށްވުރެ ފަސް ތާރީހެއް ކަމަށް ބަލާފައި ކަމަށެވެ. އަދި އެކަމަށް ބެލުމަށްފަހު ސިވިލް ކޯޓުން ކޮށްފައިވާ މުޅި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް އެ ކޯޓުން ނިންމީ ކަމަށް ބެލެވޭ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.

"އެހެންވީމަ ދެން ދަށު ކޯޓުން ކޮށްފައިވާ ހުރިހާ ކަމެއް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމަނީ. އެހެންވީމަ މައުޟޫއީ ގޮތުން މި މައްސަލާގައި ސުޕްރީމް ކޯޓަށް ދިޔަސް ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތަތީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަކަށް އޭގެ ޒާތުގައި،" ބަންޑާރަނާއިބު ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދިނުމަކީ އަދަދަށް ބަލާނަމަ ރަނގަޅު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ.

ދީބާޖާގެ މައްސަލަ ދައުލަތަށް އިސްތިއުނާފު ކުރެވެން އޮތްތޯ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިިރު އަބްދުލްލަތީފު ވިދާޅުވުމުން ބަންޑާރަނާއިބު ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ރިވިއު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މީގެކުރިން ކޮށްފައިވާ ހުކުމްތަކުގައިވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން ސަރުކާރުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.

މި އަދަދަކީ ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނު އަދަދެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ފައިސާ ދޫކުރާނީ ދީބާޖާއާ އެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީން ދޭ ލަފާގެ މަތިން ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް