ads
ފޮޓޯ: ސަން
ބްރިޖާ ދަރުމަވަންތަ ހޮސްޕިޓަލުން އާލާވަނީ ރައީސް ޔާމީންގެ ހަނދާންތައް: ސައީދު
ބްރިޖާ ދަރުމަވަންތަ ހޮސްޕިޓަލު ފެނުމުން ހަނދާންވަނީ ޖަލުގައި އިންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަތިން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ޕާޓީގެ މެމްބަރުންނަށް ލޯޔަލްޓީ ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނިމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ކުރާނޭ އެންމެ ޒަމާނީ މަސައްކަތް ކުރަމުން އަންނަނީ އިދިކޮޅު ކޯލިޝަނުން ކަމަށެވެ. 

މީގެ އިތުރުން ސައީދު ވިދާޅުވީ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ފެނުމުން ހަނދާންވަނީ ރައީސް ޔާމީންގެ މަތިން ކަމަށެވެ. 

"... ދަރުމަވަންތަ ހޮސްޕިޓަލް މިސާލަކަށް. އެތަން ފެނުނީމަ ހަނދާންވަނީ ރައީސް ޔާމީން. ބްރިޖުން ދިޔައިމަ، ކޮންމެ ލޭނަކުން ދިޔަޔަސް ސައިޑްވޯކް އެއްގަ ޖޮގިންކޮށްލަން ދިޔަޔަސް އަޅުގަނޑުމެންނަށް ރައީސް ޔާމީންގެ ހަނދާންތައް އެބަ އާދޭ. ދެވަނަ ރަންވޭގަ ކިތަންމެ ބޮޑު ބޯޓެއް ޖެއްސިޔަސް، ކުޑަ ބޯޓެއް ޖެއްސިޔަސް ރާއްޖޭގެ ފަތުރުވެރިކަން ހަތް މިލިއަނަށް ކޮންމެ ޒަމާނަކުން ދެންދިޔަޔަސް އަޅުގަނޑުމެންނަށް ހަނދާންވާނެ ރައީސް ޔާމީން."

ސައީދު ވިދާޅުވީ ތަރައްގީގެ އުންމީދުތައް ރައީސް ޔާމީން މަތިކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ޓީޝާޓެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ނުވަތަ ރައީސް ޔާމީންގެ ތަރައްގީގެ މަންޒަރުތައް ފެންނާނެގޮތަށް ޖެހުމަށް ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން އެދެމުން އަންނަކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެކަން މާޗެންޑައިޒް ޕްރޮމޯޝަންއެއްގެ ތެރޭގައި ވަރަށް އަވަހަށް ފައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ޒުވާނުންނަށްޓަކައި ރައީސް ޔާމީން އަބަދުވެސް ބޭނުންވީ އާ މަސައްކަތްތަކެއް ކުރައްވަންކަން ފާހަގަކޮށް ސައީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ކުޑަކުދިންގެ ގޮތުގައި ތިބި މިއަދު ޒުވާނުން، އާގޮތްތަށް ބޭނުންވާކަމަށް ބުނަމުން އަންނަކަމަށެވެ. އަދި ތަރައްގީގެ އާ ވިސްނުންތަކާއި އެކު ކަންކަން ދެންވެސް ކޮށްދެއްވާނީ ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ރައީސް ޔާމީން ޒުވާނުންނާއި މެދު ގެންގުޅުނު ވިސްނުމަށްބަލާ ވަރަށް އަވަހަށް ސްޕޯޓްސް ކެފޭއެއް ވެސް ތައާރަފްކުރާނެ ކަމަށެވެ. 

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ޕާޓީގެ މެމްބަރުންނަށް ލޯޔަލްޓީ ކާޑު ތައާރަފު ކުރިއިރު އެންމެ ފުރަތަމަ ޕްލެޓިނަމް ކާޑު، ރައީސް އަބްދުﷲ ޔާމީނަށް ވަނީ އަރުވާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް