
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންތިޒާމް ކުރި މި ފޯރަމްގައި 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިތަކުގެ އިސްވެރިންނާއި، ދެ ގައުމުގެ ސަރުކާރު މަންދޫބުން ހިމެނެއެވެ. މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ފޯރަމްގައި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އަދި ޓްރޭޑް ރިލޭޝަންސްގެ މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.
ބިޒަނަސް ފޯރަމްގައި މުހިންމު ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު ވެވުނު ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ތަޢާރަފުކުރުމުގެ ހިދުމަތުގެ އެއްބަސްވުމެވެ.
ދެވަނަ މުހިންމު އެއްބަސްވުމަކީ ޕްރޮޖެކްޓް ސޯލާ ސިޓީގެ އިންވެސްޓްމަންޓް އެގްރީމަންޓެވެ. މިއީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ އޮނިގަނޑުގެ ދަށުން ގާއިމުކުރެވޭ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫއެކެވެ. މިއީ ފުރަތަމަ އެސްއީޒެޑް ޕްރޮޖެކްޓެވެ.
މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. އަދި ”ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: ޑީޕަނިންގ އިންވެސްޓްމަންޓް ޕާޓްނަރޝިޕްސް އިން މޯލްޑިވްސް“ ގެ ނަމުގައި ހައި-ލެވެލް ޕެނަލް ޑިސްކަޝަނެއް ބޭއްވުނެވެ.