ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމް އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެންއައިސީއަށް ގާސިމް އައްޔަންކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރުހުންދީފައި މިވަނީ އޭނާއާ އިންޓަވިއުކުރުމަށް ފަހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކުރެވެމުންދިޔަ އެކައުންޓެއްގެ މައުލޫމާތު ލީކުކޮށްލި މައްސަލައިގައި ގާސިމްގެ މައްޗަށް ޖަލު ހުކުމެއް ވެސް އަޔެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވެފައި ވަނީ 2017 ވަނަ އަހަރުގަ އެވެ.