ads
ރާއްޖޭގެ ގެސްޓުހައުސް އަކުން ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ-- ފޮޓޯ: ލީފް ފިޝް ގެސްޓުހައުސް މޯލްޑިވްސް
އަތޮޅުތަކަށް އުއްމީދުގެ ދޮރެއް، ވިސްނުންތެރިކަމާއެކު ކުރިއަށް ދާން ޖެހޭ!
ކޮވިޑް-19 ގެ ބަލިމަޑުުކަން އައިސް ރާއްޖެ ވަށާލިތާ ހަތް މަސް ވީ އެވެ. ބަލިމަޑު ކަމުން ސަލާމަތްވުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާ މުއައްސަސާތަކުގެ މަަސައްކަތަކަށް ބަދަލެއް ނާދެ އެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 އައިސް ބައްދަލުކުރިއިރު ސަރުކާރާއި ސިއްހީ އިދާރާތަކުން އެންމެ ބޮޑަށް ސަމާލުކަން ދިނީ މުޖުތަމައު ތެރޭގައި ބަލި ފެތުރޭ މިންވަރު ކުޑަ ކުރުމަށެވެ.

ކުއްލިއަކަށް ބޯ މަތިން ނެގި ވިލާގަނޑުން ސަލާމަތްވުމަށްޓަކައި ހާސްކަން މަތީ އަވަސް ރޭވުންތަކާއެކު މުޖުތަމައު ސަލާމަތް ކުރެވޭތޯ ކުރެވުނު މަސައްކަތުގެ ތެރެއިން ރާއްޖެއަށް ބަލި އެތެރޭވާ މިންވަރު މަދުކުރުމަށް ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. އެއީ ހާލަަތަށް ބަލާ އެޅުނު ރަަނގަޅު ހަރުދަނާ ފިޔަވަޅެއް ނަމަވެސް އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން މުޅި ގައުމު އޭގެ މައްޗައް ބިނާވެގެން އޮތް ޓުއަރިޒަމްގެ ސިނާއަތުގެ ބިންގާ ފުނޑިގެންދިޔަ އެވެ.

ކޮވިޑް-19 ގެ ހިޔަނި ދަށުވެ ގައުމުގެ އިގްތިސާދު ވެސް ފުންމިން ނޭނގޭ އަޑިގަނޑަކަށް ގަނބައިގެން ދިޔަ އެވެ.
އެހެންކަމުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ދެ ގުނަ އިތުރުކޮށް، އިގްތިސާދު ވެސް ނަގާ ކޮޅަށް ޖަހަން ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބަލި ފެތުރެމުންދިޔަ ބާރުމިނާއެކު ވެސް ސަރުކާރަށާއި މުއައްސަސާތަކަށް ޖެހުނީ މި ހާލަތުގައި އަނެއްކާވެސް ބޯޑަރުތައް ހުޅުވާލައި ވެއްޓިފައިވާ ޓުއަރިޒަމް ސިނާއަތުގެ އެކި ބައިބާ އަލުން ގުޅުވައި ސިނާއަތު ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރާށެވެ.  

އެގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ހިދުމަތް ދޭން ފެށި ނަމަވެސް އަލުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެއްކުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ބޯޑަރު ހުޅުވާލި ދެ މަސް ތެރޭގައި ދުވާލެއްގެ މައްޗައް 100 އެއްހާ ފަތުރުވެރިން އައި ނަމަވެސް ކުރެވުނު މަސައްކަތުން މި މަހުގެ މިހާ ހިސާބަށް އައިއިރު ދުވާލެއްގެ މައްޗައް 500 އެއްހާ ފަތުރުވެރިން މިހާރު ރާއްޖެއަށް އާދެއެވެ. 

އެއާއެކު ގެސްޓްހައުސްތައް ވެސް މިހާރު ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލައި ހިދުމަތް ދޭން ފަށާފަ އެވެ. ހަތް މަހުގެ މެދުކެނޑުމަކަށް ފަހު ގެސްޓްހައުސްތައް ފަށާފައި ވާއިރު މިއީ އަތޮޅުތޭރޭގެ އެތައް ބަޔެއްގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. އަތޮޅުތެރޭގެ އެެތައް ބަޔެއްގެ އުންމީދުތަކަށް ލިބުނު އަލި ކަަމެކެވެ. 

ގެސްޓްހައުސްގެ ސިނާއަތަކީ އަތޮޅުތެރޭގެ އެތައް ބަޔަކު އެކަމަކަށް ބަރޯސާވެ، އާމްދަނީ ހޯދުމަށް ގެންގުޅުނު "ރަން ބިސް އަޅާ ކުކުޅެވެ". އެހެންކަމުން ބޯޑަރު ބަންދު ކުރުމާއެކު ހުއްޓިގެން ދިޔައީ ރާއްޖޭގެ އަތޮޅުތަކުގެ އާއްމު ރައްޔިތުންގެ އާމްދަނީ އެވެ. އެކަމުން އެތައް ބަޔެއްގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އައިސް އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓި، އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ. 

އެހެންނަމަވެސް މިހާރު އަނެއްކާވެސް ﷲ ގެ ރަހުމަތުން އެ ވިޔަފާރި އަލުން ފެށި މާޔޫސްވަމުން ދިޔަ އަތޮޅުތަކުގެ ރައްޔިތުންނަށް މި ވަނީ އުންމީދު އާލާވެފަ އެވެ. ބަންދުވި އާމްދަނީގެ ދޮރު އަލުން ހުޅުވިގެން ދިޔަ ނަމަވެސް ގަބޫލުކުރަން ޖެހޭ ކަމަކީ އެ ދޮރު ހުޅުވިގެން ދިޔައީ ބޮޑު ބިރުވެރިކަމެއްގެ ތެރެއިން ކަމެވެ. ކޮޅިގަނޑު އޮތީ ދިމާކުރިމަތީ ކަމެވެ. ވިސްނުމެއް ނެތި، ހަަމަޔެއް އުސޫލެއް ނެތި، ދޮރު ހާމަޔަށް ހުޅުވާ ފަރުވާ ކުޑަ ކޮށްލެވިއްޖެ ނަމަ ވާސިލުވާން ބޭނުންވާ މަންޒިލު ގެއްލި ބޮޑު ބިރުވެރި ކަމަކަށް ހުށަހެޅިދާނެ ކަމެވެ. 

އެހެންކަމުން އެކަން އެހެންވިޔަ ނުދިނުމަށް ސިއްހީ މާހިރުންގެ ލަފަޔާއި އިންޒާރުތަކަށް ސަމާލުވާން ޖެހެ އެވެ. ހެދިފައިވާ ގަވާއިދުގެ ތެރެއިން ކުރިއަށް ހިނގަން ޖެހެ އެވެ. ފަރުދީ ޒިންމާ އަދާކޮށް ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ރައްކާތެރިވެ، އައިސްދާނެ ކުއްލި ލޮޅުމަކަށް ސަމާލުވެ، އެކަމަށް ހުރި ހުރިހާ ދޮރުތައް ބަންދުކޮށް ފާރަވެރިވާން ޖެހެ އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއަދު މި ފެނިފައިވާ ކުޑަކުޑަ އުންމީދުގެ އަލިކަަން ފެނިފައި ވަނީ ވެސް އެކަމަށް ބަޔަކު ކުރި އެތައް ބުރަ މަސައްކަތުން ކަމެވެ. އެހެންނަމަވެސް "އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނޭ" ބުނާ ބީދައިން އެންމެ ބަޔަކު އެކަނި ކުރާ މަސައްކަތަކުން ކާމިޔާބީގެ އައްސޭރިއަކަށް ނުދެވޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް