
ބަންގްލަދޭޝް ސަފީރު މުހައްމަދު ނަޒްމުލް ހަސަންއާ މިއަދު ބައްދަލުކުރައްވާ ނައިބު ރައީސް ފައިސަލް ވަނީ ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ބަޔަކު އުޅޭ ކަން ފާހަގަކުރައްވާފަ އެވެ.
ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކަށް ގިނަ ހިދުމަތްތަކެއް ކުރަމުންދާ ކަމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރަ ގައުމަށް ފޮނުވާލުމަށް ހިންގާ ހަރަކާތަށް ބަންގްލަދޭޝް ސަރުކާރުން ލިބޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ސަފީރު މުހައްމަދު ނަޒްމުލް ހަސަން ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ވެދެމުންދާ އެހީ ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން ވެސް ނައިބު ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ތައުލީމާއި ދަނޑުވެރުކަމުގެ ދާއިރާއަށް އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސް އާދި ސަފީރުގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.