ads
ފިނޭންސް މިނިސްޓްރީ--
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 9,989 މީހަކަށް އެލަވަންސް ދޫކޮށްފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަަސަރުކޮށްފައިވާ މީހުންނަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަން މިހާރު ނިންމާފައިވާއިރު އެ އެލަވަންސް ދޫކުރާ މުއްދަތު އިތުރުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު އިތުރުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި މި އެލަވަންސްގެ ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ. 

އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ. 

އެ އެލަވަންސަށް ޝަރުތު ހަމަވުމަށް ކުރިމަތިލާ ފަރާތްތަކުން މިދިޔަ އަހަރުގެ އެކެއް ޑިސެމްބަރާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް