ads
މެމްބަރު އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަމީން ބޭރު ނުކުރެވޭނަމަ އެމްޑީޕީގެ ޕީޖީއެކޭ އޭސީސީއެކޭ ތަފާތެއް ނެތް: އީވާ
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރަން ޖެހޭކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕަށް ބުނަން ނުކެރޭނަމަ، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕެކޭ މިއަދުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އެކޭ އެއްވެސް ތަފާތެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއިމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އީވާ ދެއްކެވި ވާހަކައިގެ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ.

އީވާ ވިދާޅުވީ، މިނިސްޓަރު އަމީންއަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހަކުން ރުހުން ދިނުމުން، އެ ރުހުމާއި މުޅިން ހިލާފަށް، އަދި ޕާޓީގެ ވިސްނުމާއިވެސް މުޅިން ހިލާފުވާގޮތަށް، ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތްތެރި ވެފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން މިހާލަތުގައި މިނިސްޓަރު އަމީން ބޭރުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕަށް ބުނަން ނުކެރޭނަމަ، ޕާލިމެންޓަރީ ގުރޫޕެކޭ މިއަދުގެ އޭސީސީއެކޭ އެއްވެސް ތަފާތެއް ނެތްކަމަށް ވިދާޅުވި އެވެ.

އަދި އީވާ ވަނީ، ޖޭޕީގެ ވަޒީރަކު ވައްކަން ކުރުމުން އޭނާ ބޭރުކުރަން ޖެހޭކަމަށް، ސުޕަ މެޖޯރިޓީއެއް ލިބިފައިވާ ޕާލިމެންޓަރީ ގުރޫޕަކަށް ސާބިތުކަމާއިއެކު ބުނަން ނުކެރޭނަމަ އެމްޑީޕީގެ މެމްބަރުންނާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލޭކަމަށް ވިދާޅުވެފަ އެވެ.

''ފަސްދޮޅަސް ފަސް ގޮނޑި ދީފަ މަޖިލީހަށް އަޅުގަނޑުމެން ލީމަ، ޕާލިމެންޓަރީ ގުރޫޕުން، ބޮޑު ހިޔާނާތެއް ރީއްޗަށް ޖޭޕީ ވަޒީރަކު ވައްކަން ކުރީމަ އޭނަ ބޭރުކުރަން ވެއްޖޭ އަޅުގަނޑުމެންނަށް ސާބިތުކަމާއިއެކު ބުނަން ނުކެރޭނަމަ، ދެން ރައްޔިތުން ވަންނަންވީ ކޮންތާކަށް؟ ރަށުތެރޭގަ ނިކުމެ ދެން އަޅުގަނޑުމެން ކާކަށް މޫނު ދައްކާލާނީ؟'' އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިމައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމެވި ގޮތެއް، ނުވަތަ ރައީސް ނަޝީދު ނިންމެވިގޮތެއް ރައްޔިތުން ނާހާނެ ކަމަށާއި، ރައްޔިތުން ބަލާނީ ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައި ތިއްބެވި މެމްބަރުންނަށް ކަމެއް ނުކުރެވުނުކަމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް