ads
ކުރީގެ ޕީޖީ މުހުތާޒް މުހުސިން--
ވެންޓިލޭޓަރު މައްސަލާގައި ވަކި މުއައްސަސާއެއް ގޯސް ކުރެވޭކަށް ނެތް: މުހްތާޒް
ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ވަކި މުއައްސަސާއެއް ގޯސް ކުރެވެން ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މުހްތާޒް ވިދާޅުވީ، މި މައްސަލާގައި ވަކި މުއައްސަސާއެއް ގޯސް ކުރެވިގެން ނުވާނެ ކަމަށާއި މިފަދަ ކަންކަމުގައި އަމިއްލަ ފައިދާއަށް ވާހަކަ ދެއްކުން ބުއްދިވެރި ނޫން ކަމަށެވެ. 

''ވެންޓިލޭޓަރު މައްސަލާގައި ގޯހީ ވަކި މުއައްސަސާއެކޭ ބުނެވިގެން ނުވާނެ. އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ނުކުރާހާ ހިނދަކު މިފަދަ ކަންކަން އަބަދުމެ ތަކުރާރުވާނެ. މަށަށް މޮޅުވާ ގޮތަށް ވާހަކަދެއްކުމާ ދުރުވުން ބުއްދިވެރި،"' މުހުތާޒް ވިދާޅުވި އެވެ. 

ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފަ އެވެ. އެހެން ނަމަވެސް ޕީޖީން ނިންމާފައި ވަނީ ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އެ މައްސަލަތަކުގައި ދައުވާ ނުކުރުމަށެވެ.

ޕީޖީން މިގޮތަށް ނިންމުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިނިސްޓަރު އަމީން ވަނީ ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

މި މައްސަލައާ ގުޅިގެން ކޯޅުންގަނޑު ބޮޑުވެފައި ވާއިރު، މައްސަލާގައި ގިނަ ފަރާތްތަކުން އިނގިލި ދިއްކުރަމުން އަންނަނީ އޭސީސީ އަށެވެ. އެގޮތުން އޭސީސީން މައްސަލަ ތަހުގީގު ކުރުމުގައި، ބަލަންޖެހޭ  ވަރަށް ނުބަލައި، އަވަސް އަރުވާލާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް އިސް މެމްބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް